07 Aug 2023, 22:15
އައްޑޫ ސިޓީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ޚިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވާން ފަށައިފިއެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އައްޑޫގައި އާރްޓީއެލް ފެރީ ޚިދުމަތް ފަށަން ތައްޔާރުވުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ދެކުނުގެ އައްޑޫ، ފުވައްމުލައް އަދި ހުވަދޫ މި އޯގަސްޓް މަހުގެ ތެރޭގައި ގުޅުވާލާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ވަނީ އައްޑޫގައި އާރްޓީއެލް ފެރީ ޚިދުމަތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ބާއްވަން ނިންމާފައެވެ. އެގޮތުން މާދަމާ ހަވީރު އަދި ރޭގަނޑު އައްޑީ ސިޓީގެ ދެ ސަރަހައްދެއްގައި މި ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވެއެވެ.
މާދަމާ ހަވީރު 16:30 ގައި ފޭދޫ ސްކޫލުގައި ސެޝަނެއް ބާއްވާނެއެވެ. އަދި ރޭގަނޑު 21:00 ގައި ގަން އިންޓަނޭޝަނަލް ސްކޫލުގައިވެސް ސެޝަނެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.
އައްޑޫގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށާފައި ނުވި ނަަމަވެސް އެމްޓީސީސީގެ ބެލުމުގެ ދަށުން ހިތަދޫ އާއި ފޭދޫ އާއި ހުޅުމީދޫ ދެމެދު ފެރީގެ ޚިދުމަތް އަންނަނީ ދެމުންނެވެ. މިއީ ސަދަން ޓްރާންސްޕޯޓް ލިންކުގެ ދަށުން މީގެ ކުރިން އެމްޕީއެލްއިން ދިން ޚިދުމަތެކެވެ.
އެމްޕީއެލްގެ ދަތުރުފަތުރުގެ މަސައްކަތް އެމްޓީސީސީގެ ދަށަށް ބަދަލު ކުރުމުން މިމަސައްކަތް މިހާރު ކުރަމުން އަންނަނީ އެމްޓީސީސީންނެވެ.