ނިއާމޭ (6 އޮގަސްޓް 2023): ހުޅަނގު އެފްރިކާގެ ގައުމެއްކަމަށްވާ ނައިޖަރަށް އަސްކަރީ ގޮތުން ވެދެގަތުމަށް ހުޅަނގު އެފްރިކާގެ ގައުމުތަކުގެ އިގްތިސާދީ ޖަމްއިއްޔާ 'އިކޯވަސް' އިން ދިން ހަރުކަށި އިންޒާރާއެކު އަމިއްލަ ގައުމުގެ ދިފާއުގައި މުޅި ގައުމު ތައްޔާރަށް ތިބިކަން ނައިޖަރުގެ އަސްކަރީ ވެރިން ހާމަކޮށްފިއެވެ.

ނައިޖަރުގައި ވެރިކަންކުރާ އަސްކަރި ކައުންސިލުން ބުނިގޮތުގައި ބޭރުގެ ބާރުތައް އަސްކަރީ ގޮތުންވަދެގަތުމަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުންކަމަށާ ގައުމުގެ ދިފާއުގައި ސިފައިންނާއި އާންމުންވަނީ ބޭރުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރަން ތައްޔާރުވެފައެވެ.

ނައިޖަރުގެ ވެރިކަން މީގެ ދިހަވަރަކަށް ދުވަސްކުރިން ފޮރޮޅާލައި އެގައުމުގެ ރައީސް މުހައްމަދު ބާޒޫމް މަގާމުން ދުރުކުރުމަށް ސިފައިން ހިންގި އަމަލަކީ ރައްޔިތުން ބޭނުންވެގެން ހިންގި ކަމެއް ކަމަށާ އެއީ ބޭރުގެ ފަރާތްތައް ބެހެންނުޖެހޭ ނައިޖަރުގެ ދާޚިލީ ކަމެއްކަމަށް ވެރިކަންކުރާ އަސްކަރީ ކައުންސިލުން ވަނީ ބުނެފައެވެ. އަސްކަރީ ކައުންސިލުންވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް އެގައުމުގެ ވައިގެ ސަރަހައްދަށް ވަންނަ ކޮންމެ ބޯޓަކަށް ހަމަލާދޭނެކަމުގެ އިންޒާރުވެސް ދީފައެވެ.

މުރާސިލުން ބުނާގޮތުގައި ނައިޖަރުގެ ރައްޔިތުންގެ ގިނަ ބައެއްގެ ފަރާތުން ފެންނަނީ ބޭރުގެ ބާރުތަކާ ދެކޮޅަށް އަސްކަރީ ވެރިންނަށް ތާއީދުކޮށް އެއްބާރުލުން ދެމުން ގެންދާ މަންޒަރެވެ. ނަމަވެސް މީގެ މާނައަކީ މަގާމުން ދުރުކޮށްފައިވާ ރައީސް އަށް ތާއީދުކުރާ މީހުން އެގައުމުގައި ނެތުމެއް ނޫނެވެ.

ނައިޖަރުގެ އަސްކަރީ ވެރިޔާ ޖެނެރަލް އަބްދުއްރަހްމާން

މީގެ ދިހަވަރަކަށް ދުވަސްކުރިން އަސްކަރީ ބަޣާވާތަކުން ވެރިކަމަށް އައި ނައިޖަރުގެ އަސްކަރީ ވެރިން އިއްޔެ ފެނިފައިވަނީ އެގައުމުގެ އެތަށް ހާސްބައެއްގެ ތެރޭގައި ތިއްބަވަނިކޮށެވެ. ވެރިރަށް ނިއާމޭ ގެ ސްޓޭޑިޔަމް އެއްގައި އަސްކަރީ ވެރިން ގައުމާ މުޚާތަބު ކުރައްވަމުން ގެންދެވިއިރު އެބެފުޅުންގެ ވަށައިގެން ތިބި އާންމު ރައްޔިތުންގެ އަދަދު 30 ހާހަށްވުރެ ގިނަވާނެކަމަށް މުރާސިލުން ބުނެއެވެ.

އަސްކަރީ ބަޣާވާތް ގެނަސް ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް މަގާމުން ދުރުކުރުމާއެކު އާންމުންގެ އެތަށް ސަތޭކަ ބަޔަކުވަނީ މަގުތަކަށް ނުކުމެ އެކަމަށް ތާއީދުކޮށްފައެވެ. އަދި މަގާމުން ދުރުކުރި މުހައްމަދު ބާޒޫމް އަކީ ޔޫރަޕްގެ އިސްތިއުމާރީ ބާރެއްކަމަށްވާ ފަރަންސޭސިވިލާތުގެ ބާރާއި ނުފޫޒު އެގައުމުގައި ފަތުރައި ގައުމުގެ އަމިއްލަ މަސްލަހަތަށްވުރެ ފަރަންސޭސިވިލާތުގެ މަސްލަހަތަށް އިސްކަންދިން ބޭފުޅެއްކަމަށް އާންމުން ތުހުމަތުކޮށްފައިވެއެވެ.

'އިކޯވަސް' ގެ ގައުމުތަކުން ނައިޖަރަށް އަސްކަރީ ގޮތުން ވަދެގަންނަން އުޅެނީ މީގެ ދިހަވަރަށް ދުވަސްކުރިން އެގައުމުގެ ސިފައިން ހިންގި އަސްކަރީ ބަޣާވާތުގައި ވެރިކަމުން ދުރުކޮށްފައިވާ އެގައުމުގެ ރައީސް މުހައްމަދު ބާޒޫމް އަލުން އަނބުރައި މަގާމަށް ގެނައުމަށްޓަކައެވެ. ބާޒޫމްގެ ވެރިކަމުގައި ނައިޖަރ އަށް އެންމެ ބޮޑަށް ބާރާއި ނުފޫޒު ހިންގަމުން ގެންދިޔަ ފަރަންސޭސިވިލާތުންވަނީ 'އިކޯވަސް' ގެ މި އަސްކަރީ ޕްލޭނަށް ތާއީދުކޮށް އެޕްލޭން ތަންފީޒު ކުރުމަށް ބޭނުންވާ އަސްކަރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ނަމަވެސް 'އިކޯވަސް' ޖަމާއަތުގައި ހިމެނޭ ތިންގައުމެއްކަމަށްވާ ބުރުކީނާ ފޯސާއައި ގިނީ އަދި މާލީންވަނީ ނައިޖަރ އަށް އަސްކަރި ގޮތުން ވަދެގަނެ ބާރުގެ ބޭނުންކޮށްގެން ބާޒޫމް އަލުން ވެރިކަމަށް ގެނައުމުގެ ޕްލޭންއާ ދެކޮޅު ހަދާފައެވެ. އެތިން ގައުމު ބުނާގޮތުން 'އިކޯވަސް' އިން އަސްކަރީގޮތުން ނައިޖަރ އަށް އަރައިގެންފިނަމަ އެތިން ގައުމުން ނައިޖަރ ގެ އަސްކަރީ ވެރިންނަށް އެހީތެރިވާނެއެވެ.

އަނެއްކޮޅުން ނައިޖަރއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ އަރަބި ގައުމެއްކަމަށްވާ އަލްޖަޒާއިރުންވެސްވަނީ 'އިކޯވަސް' އިން ނައިޖަރ އަށް އަސްކަރީގޮތުން ވަދެގަތުމާ ދެކޮޅުހަދާކަން ހާމަކޮށް އެކަން ނުކުރުމަށް 'އިކޯވަސް' ގެ ގައުމުތަކުގެ ލީޑަރުންނަށް ގޮވާލާފައެވެ.

'އިކޯވަސް' ޖަމާއަތުގައި ހިމެނޭ އެންމެ ބޮޑުގައުމު ކަމަށްވާ ނައިޖީރިޔާގެ ޕާލަމެންޓްވެސްވަނީ ނައިޖަރ އަށް އަސްކަރީގޮތުން އަރައިގަތުމަށް އެޖަމާއަތުން ގެންގުޅޭ ޕްލޭންގައި ބައިވެރިނުވުމަށް ނައިޖީރިޔާގެ ސަރުކާރަށް ގޮވާލާފައެވެ. ނައިޖަރ ގެ ރައީސް މުހައްމަދު ބާޒޫމް ވެރިކަމުން ދުރުކުރުމަށްފަހު، އެގައުމުގެ ވަގުތީ ވެރިއަކީ ޖެނެރަލް އަބްދުއްރަހްމާން ޗިއާނީއެވެ. އޭނާއަކީ ވެރިކަންކުރާ އަސްކަރީ ކައުންސިލްގެ ވެރިޔާއެވެ.

ޖެނެރަލް އަބްދުއްރަހްމާން ވަނީ 'އިކޯވަސް' ޖަމާއަތުން ނައިޖަރ އަށް އަސްކަރީގޮތުން ވަދެގަންނަން އުޅޭތީ ރަޝިއާގެ ކުލީ ސިފައިންގެ ޖަމާއަތްކަމަށްވާ ވެގްނާ ގްރޫޕުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

މަގާމުން ދުރުކޮށްފައިވާ ބާޒޫމް ހުންނެވީ ސިފައިން ގެ ބެލުމުގެ ދަށުގައި ހައްޔަރުގައެވެ. އޭނާ ހުންނެވިކަމަށްވަނީ ރިޔާސީ ގަނޑުވަރުގައި ހައްޔަރުކޮށްފައެވެ. ބާޒޫމް މިނިވަންކޮށް އޭނާ އަލުން ނައިޖަރު ގެ ރައީސްކަމަށް ގެނައުމަށްޓަކައި 'އިކޯވަސް' ޖަމާއަތުން އަސްކަރީ ބާރެއް ނައިޖަރ އަށް ފޮނުވައިފިނަމަ ބާޒޫމް ގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑުކަމަށާ ނައިޖަރުގެ ސިފައިންނާ ހަނގުރާމަކޮށްގެން ބާޒޫމް ސަލާމަތުން މިނިވަންކޮށް އޭނާ އަލުން ވެރިކަމަށް ގެނައުމަކީ ގާތްގަނޑަކަށް މުސްތަހީލް ކަމެއްކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެއީ ނައިޖަރ އަކީ ބިމުގެ ގޮތުން ބޮޑު ގައުމަކަށްވެފައި ބޭރު ސިފައިންގެ ޖަމާއަތެއް ނައިޖަރ އަށް އަރައިގަނެ ނައިޖަރ ގެ ސިފައިންނާ ހަނގުރާމަކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އަދި ނައިޖަރުގެ އާންމުންވެސް ބޭރުގެ ބާރުތަކާ ދެކޮޅަށް ހަތިޔާރާއެކު ނުކުތުމުގެ ފުރުސަތު ބޮޑުކަމުންނެވެ.

ރައީސް ބާޒޫމް އަލުން އަނބުރައި މަގާމަށް އިއާދަކުރުމަށް 'އިކޯވަސް' ޖަމާއަތުން ނައިޖަރުގެ އަސްކަރީ ވެރިންނަށް ދިން މުހުލަތު ރޭ ވަނީ ހަމަވެފައެވެ. ނަމަވެސް 'އިކޯވަސް' ގެ ބާރެއް މިހާތަނަށް ނައިޖަރ އަށް ވަދެގެންފައެއް ނުވެއެވެ.