ބިސްކޯދު ޑަބިޔަލެއްގައި ފޮރުވައިގެން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ތިން ފިރިހެނަކާ އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ބިސްކޯދު ޑަބިޔާތައް ހިފައިގެން ބޯޓަށް ލީ ބ.ތުޅާދޫ އަޒުމް، މުހައްމަދު އިމާދާއި ހަމައެރަށު ރަންކޮކާގެ، ފައުޒާން މޫސާ 23އ. ކަމަށެވެ. އަދި ބުނީ އައްޑޫން އެ ޑަބިޔާތަކާއި ހަވާލުވީ ސ. ހިތަދޫ ސްޕަންޖްގެ، އާމިނަތު ޒާހިރާ 33، އާއި ހދ. ވައިކަރަދޫ، ކަސްތޫރިގޭ މުހައްމަދު ރަޝާދު 49އ. ވެސް ހައްޔަރުކުރި ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަޔާ ގުޅުން ހުރި ބިދޭސީއަކުވެސް މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާޔާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އާންމެއް ނުކުރެ އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް ފަހަރަށް ކަމާ ނުގުޅޭ ހައްޔަރުކުރެވޭ ކަމަށާއި މީހަކު ދޭ ގޮތްނޭންގޭ އެއްޗަކާއި ހަވާލުނުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.