07 Aug 2023, 19:25
މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަދި ޑިފެންޑަރު ޖޮއާއޯ ކަންސެލޯ ލޯނުގެ ދަށުން ހޯދުމަށް ބާސެލޯނާ އިން ބިޑެއް ހުށަހަޅައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ސިޓީން ލޯނުގެ ދަށުން ބެނާޑޯ ސިލްވާ އަދި ކަންސެލޯ ދޫކުރާނެ ކަމަށް ސްޕެއިންގެ ޗެމްޕިއަން ބާސާ އިން ބޮޑު އުންމީދެއް ކުރެއެވެ. އަދި މިހާރު އެކަން ފުރިހަމަކުރުމަށް ބާސާ އިން ޔޫރަޕް އަދި އިނގިރޭސި ޗެމްޕިއަން ސިޓީއަށް ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ބާސާގެ އޮސްމާން ޑެމްބެލޭ ހޯދުމަށް މަސައްކަތްކުރަން ފެށުމާއެކު، ބާސާ އިން ދިޔައީ ވިންގަށް ކުޅޭނެ ފެންވަރު ރަނގަޅު ކުޅުންތެރިއެއް ހޯދުމަށް މަސައްކަތްކުރަމުންނެވެ. ބާސާ އިން އެ މަގާމަށް ބެނާޑޯ ސިލްވާ ގެނައުމަށް ނިންމާފައިވަނީ، ސިޓީއާއެކު ހަދާ އެއްބަސްވުމުގެ ދަށުން އަހަރެއް ފަހުން 60 މިލިއަން ޕައުންޑް (77 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުން ބާސާއަށް އޭނާ ހޯދޭ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބާސާ އިން ދެން ބިޑުކުރި ކަންސެލޯއަކީ ސިޓީގައި މިހާރު ގިނަ ފުރުސަތުތަކެއް ލިބޭ ކުޅުންތެރިއެއް ނޫނެވެ. އެހެންކަމުން މިހާރު އޭނާ ވެސް ބޭނުންވަނީ ގިނަ ވަގުތު ކުޅެން ފުރުސަތު ލިބޭނެ ކްލަބަކަށް ދިއުމަށެވެ.
އަލްޖީރިއާ ފޯވަޑް ރިޔާދް މަހްރޭޒް ސިޓީ ދޫކޮށް ސައުދީ އަރަބިއާއަށް ގޮސްފައިވުމުން، ސިޓީން ބެނާޑޯ ސިލްވާ ދޫކޮށްލާނެ ކަމަކަށް ނުބެލެވެއެވެ. މީގެ ކުރިން ޕީއެސްޖީން ބެނާޑޯ ސިލްވާ ހޯދުމަށް މަސައްކަތްކުރުމުން ވެސް، ސިޓީން ވަނީ އޭނާ ނުވިއްކާނެކަން އަންގައިފައެވެ.