އޮޑިޓާ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގައި އޮޑިޓްކުރުމާއި އެ ޝޫރެންސްގެ ޚިދުމަތްދިނުމުގެ ގަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.

އޮޑީޓާ ޖެނެރަލް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގަވާއިދަށް އަމަލްކުރަން ފަށާފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގައި ކަމަށެވެ. އެ ގަވާއިދަކީ އޯޑިޓް ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ހުއްދަ ނުވަތަ ޕްރެކްޓިސިންގް ސެޓްފިކެޓް ދޫކުރުމާއި ބާޠިލްކުރެވޭނޭ އުސޫލުތައް ކަނޑައެޅުމާއި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކިފަރާތްތަކަށް އެ ހުއްދަ ދޫކުރުމާއި ބާޠިލްކުރުމާއި ޤާނޫނީ އޮޑިޓް އަދި އެޝޫރެންސްގެ ޙިދުމަތްދޭ ފަރާތްތަކުން ހިފަހައްޓަން ޖެހޭ މިންގަނޑުތައް ކަނޑައެޅުމަށްޓަކައި އޮޑިޓާ ޖެނެރަލަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން ހަދާފައިވާ ގަވައިދެއް ކަމަށް އޯޑިޓް އޮފީހުންބުނެ އެވެ.

"...އެގަވާއިދުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމަށް ބޭނުންވާ ހުއްދަ ދޫކުރުމާއި ބާޠިލްކުރުމުގެ މަސައްކަތް އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، އޮޑިޓާއި އެކައުންޓެންސީ ފަންނު ތަރައްޤީވުމަށް މަގުފަހި ކުރުމާއި؛ ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ހުއްދަ ދޫކުރުމާއި ބާޠިލްކުރުމުގައި ކަނޑައަޅާ ވަކި އުސޫލަކުން ޢަމަލުކުރުމާއި އޮޑިޓިންގް އާއި އެކައުންޓެންސީ ދާއިރާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއެރުވުމަށް މަގުފަހިކުރުން،" ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ވެސް ގަވާއިދުގެ ސަބަބުން ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތާއި އެކައުންޓެންސީގެ ޚިދުމަތް އާންމުންނަށް ދޭ ރާއްޖޭގެ ފަރާތްތަކާއި ބޭރުގެ ފަރާތްތަކަށް އެއް ހަމައެއްގައި ވާދަކުރުމަށް ފުރުޞަތު ދިނުމާއި ޤާނޫނީ އޮޑިޓާއި އެޝޫރެންސާއި އެކައުންޓެންސީ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމަށް އެހީތެރިވެދިނުމާއި އެ މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތުގެ އަޚްލާޤާއި މަސައްކަތުގެ ފެންވަރު ހިފެހެއްޓުމާއި ރާއްޖޭގައި ދެވޭ ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތަށް ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ހޯދައިދިނުމާއި ރާއްޖޭގައި ދެވޭ ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތަކީ ޤާނޫނާއި ގަވާއިދުގެ ތެރޭގައި ބެލެހެއްޓިގެން ދެވޭ ހިދުމަތަކަށް ހެދުމަށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ ގަވާއިދުގެ ދަށުން ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެޚިދުމަތް ދިނުމަށްޓަކައި އޮޑިޓް ފާމްތަކަށް ދެ ގިންތިއެއްގެ ޕްރެކްޓިސިންގް ސެޓްފިކެޓާއި ފަރުދީ ގޮތުން ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެޚިދުމަތްދޭ ފަރާތްތަކަށް ދޫކުރާ ތިން ގިންތިއެއްގެ ޕްރެކްޓިސިންގް ސެޓްފިކެޓް ދޫކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

"..އޮޑިޓް ފާމްތަކަށް ކެޓަގަރި "އޭ' އަދި "ބީ"ގެ ސެޓްފިކެޓް ދޫކުރެވޭނެ އެވެ. އަދި ފަރުދީގޮތުން އޮޑިޓާއި އެޝޫރެންސްގެ ޚިދުމަތްދޭ ފަރާތްތަކަށް ކެޓަގަރީ "އޭ" ނުވަތަ "ބީ" ނުވަތަ "ސީ"ގެ ސެޓްފިކެޓް ދޫކުރެވޭނެ." އޮޑިޓް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.