ޑިޒައިން އެންޑް ބިލްޑު އުސޫލުން ޏ. ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކުރީ ޕީޓީ ސިޓްރަމްސް ހެވީ އިންޑަސްޓްރީސް އިން ޖޭވީ ވިތް ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ ކަމާ ގުޅޭ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓަރު ޖެނެރަލް އަޙުމަދު ވިޝާން ނަސީމެވެ. އަދި މަސައްކަތް ހަވާލުކުރު ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ.

އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 470 މިލިއަން ރުފިޔާ ޚަރަދުކުރާނެއެވެ.

މި މަޝްރޫއަކީ 1000 އަކަފޫޓުގެ 400 ފްލެޓް ހިމެނޭގޮތަށް ކޮންމެ ފްލެޓެއްގައި ތިން ކޮޓަރި އާއި ތިން ފާޚާނ،ަ ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭ ގޮތައް ޕްލޭން ކުރެވިފައިވާ ހައުސިން ޔުނިޓު ތަކެކެވެ. ގްރައުންޑް ފްލޯ ކޮމާޝަލް އަދި މެއިންޓަނެންސް އޮފީހަކަށް ބޭނުން ކުރެވޭ އިރު ކޮންމެ އެޕާޓްމަންޓަކަށް ސައިކަލު ޕާކު ކުރާނެ ޖާގައެއްވެސް ދެވޭނެއެވެ. މީގެ އިތުރުން ކޮންމެ އިމާރާތެއްގައިވެސް ދެ ލިފްޓް ހުންނާނެއެވެ.