ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު، ބައްދަލު ކުރައްވައިފިއެވެ.

ގާސިމާއި ވަހީދު ބައްދަލު ކުރައްވަމުން ގެންދަވަނީ، ވަހީދުގެ ގެކޮޅު، މއ. ޔުރޭކާގައެވެ. މި ބައްދަލު ކުރެއްވުމުގައި ގާސިމް އަރިހުގައި އޭނާގެ ރަނިންމޭޓް އަމީން އިބްރާހިމާއި އެޑްވައިޒަރު އަޙްމަދު ނިހާން ވެސް ބައިވެރިވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ގާސިމް މިއަދު ވަނީ ކެންޑިޑެސީ ހުށަހަޅުއްވާފައެވެ.

ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ ރޭހަށް ނުކުންނެވުމަށް ޝައުގުވެރިކަން ވެސް ފާޅުކުރެއްވިއެވެ. އަދި، ޕީޕީއެމްގެ ކެންޑިޑޭޓަކީ ވަހީދު ކަމަށް ވާހަކަ ވެސް ދެކެވުނެވެ.

ނަމަވެސް ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒަކީ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ކަމަށް ނިންމަވައި ޔާމީން ވެސް މިހާރު ވަނީ މުއިއްޒަށް ތާއީދު ކުރައްވާފައެވެ. އެއާ އެކު ކުރިން މުއިއްޒާ ދެކޮޅު ބޭފުޅުން ގެންދަވަނީ އެކުގައި ތިބިކަން ހާމަ ކުރަމުންނެވެ.