ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީއާއި، ޖުމްހޫރީ ޕާޓީއާ ދެމެދު ކުރި ހަމައެކަނި މަޝްވަރާއަކީ އެއް ކެންޑިޑޭޓެއްގެ މަޝްވަރާކަމަށް ޑިމޮކްރެޓްސްއިން ބުނެފިއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ރިޔާސީ އިންތިޚާބުގައި ގާސިމްގެ ފަހަތަށް އެރުމަށް ނަޝީދު ޝަރުތުތަކެއް ކުރެއްވިއެވެ. އެއީ، މަޖިލީހުގެ 13 މެންބަރުން ޑިމޮކްރެޓްސްއާ ގުޅުވައި ދިނުމަށެވެ. އޭރުން ރިޔާސީ އިންތިޚާބުގައި ވާދަނުކޮށް ޑިމޮކްރެޓްސްއިން ގާސިމަށް ތާއީދު ކުރާނެ ކަމަށެވެ.

ގާސިމްގެ އަރިސް ބޭފުޅަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ އެ ހުށަހެޅުމަށް ގާސިމް އެއްބަހެއް ނުވިއެވެ.

މަޝްވަރާތަކުގައި ޑިމޮކްރެޓްސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު "ސަން" އަށް ވިދާޅުވީ ދެޕާޓީގެ ދެމެދުގައި ކުރި މަޝްވަރާ ތަކުގެ ތެރޭގައި އިތުރު އެއްވެސް ޑިމާންޑެއް ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދުވަހު ދެއްކި އެންމެ މުހިއްމު ވާހަކައަކީ ކޮމަން ކެންޑިޑޭޓެއް ނެރުމާ ބެހޭގޮތުން މަޝްވަރާ ކުރުން. އެދުވަހު ވެސް ދެއްކި ވާހަކައަކީ ނެތް ހެއްޔޭ އަޅުގަނޑުމެން މި ހުރިހާ ޕާޓީއެއް އެކުވާނެ ގޮތެއް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި މީގެ ކުރިން އެ ދެޕާޓީގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ އިތުރަށް އާ ވާހަކަތަކެއް ދައްކާފައި ނުވާކަމަށެވެ.

ޖޭޕީއާ ޑިމޮކްރެޓްސްއާ ދެމެދު އިތުރު މަޝްވަރާތަކެއް ކޮށްފައިވަނީ ރައީސްގެ ރަނިން މޭޓަކަށް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އައްޔަނުކުރުމާ ގުޅިގެންނެވެ.

އާޒިމް ދޮގުކުރެއްވި، ޑިމާންޑުގެ ވާހަކަ "ސަން"އަށް ހިއްސާކުރެއްވީ ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ.

"ގާސިމް މެންބަރުންތަކެއް ހޯދައި ޑިމޮކްރެޓްސްއަށް ދިނުމަށް އެދުމުން ގާސިމް ވިދާޅުވީ އެކަމަށް ހޭދަ ކުރުމަށް ވުރެން ކެމްޕެއިނަށް ހަރަދު ކުރުން ވެސް މާ ރަނގަޅު ވާނެ ކަމަށް. އެކަމަށް ސީދާ ނޫނެކޭ ވިދާޅުވި،" އޭނާ ވިދާޅުވިއެވެ.

މިއަދު ގާސިމްގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވުމަށްފަހު، ވަނީ އެހެން ޕާޓީތަކާއެކު ކުރި މަޝްވަރާތައް ކާމިޔާބުނުވި ސަބަބާ ބެހޭ ގޮތުން ކުރުކޮށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާޓީތައް އެއްގަލަކަށް ނޭރުނީ ކޮންމެ ޕާޓީއަކުން ވެސް ކެންޑިޑޭޓަކު ފުރަތަމަ ބުރަށް ނެރެން ބޭނުންވުމުންނެވެ.

ނަޝީދުގެ ފެކްޝަން އެމްޑީޕީން ވަކިވުމާ އެކު ވެސް ގާސިމް އާއެކު މަޝްވަރާތަކެއް ބޭއްވިއެވެ. ނަމަވެސް އޭރު ވެސް މަޝްވަރާތައް ނިމުނީ ކޮޅެއްގައި ނުޖެހިއެވެ.