07 Aug 2023, 13:24
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނު މިއަދު ކެންޑިޑެސީ ހުށަހަޅުއްވައިފިއެވެ.
މިއަދު ދަރުބާރުގެއަށް ވަޑަައިގެން ފާރިސް ކެންޑިޑެސީ ފޯމް ހަވާލުކުރެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގާއެވެ. އެ ފޯމް ހުށަހެޅުމަށް ފާރިސާ އެކު އޭނާގެ ރަނިންމޭޓު ޑރ. އަބްދުއްސައްތާރު ޔޫސުފް ވަޑައިގެންނެވިއެވެ.
ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވައި، އިޖުތިމާއީ ކަންކަމާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ފޮތް ލިޔުއްވާފައިވާ އަބްދުއްސައްތާރު ރަނިންމޭޓަކަށް ހަމަޖެއްސިކަން ފާރިސް އިއުލާން ކުރެއްވީ އިއްޔެއެވެ.
ފާރިސް އިންތިޚާބުގައި ވާދަކުރަން އެންމެ ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ފަރާތުންނެވެ. ނަމަވެސް އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، އެ މައްސަލަ ސިވިލް ކޯޓުގައި އޮތުމުން އަމިއްލަގޮތުން ވާދަކުރައްވަން ފާރިސް ނިންމެވިއެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެވެނީ 1،500 މީހުންގެ ސޮޔާއެކުގައެވެ. ފާރިސް ވަނީ އެ އަދަދަށް ސޮއި ހަމަވެފައިވާކަން މިދިޔަ ހަފުތާފައި އިއުލާން ކުރައްވާފައެވެ.
އީސީއަށް މިހާތަނަށް ކެންޑިޑެސީ ހުށަހަޅުއްވާފައި ވަނީ:
އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙް
- ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު
- އެމްއެންޕީގެ ކެންޑިޑޭޓު ކާނަލް މުޙައްމަދު ނާޒިމް
- ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމް
- އަމިއްލަ ގޮތުން ވާދަކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
- އަމިއްލަ ގޮތުން ވާދަކުރައްވަން ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު ހަސަން ޒަމީލް