07 Aug 2023, 11:07
ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
ގާސިމްގެ ފޯމް ހުށަހެޅުއްވުމަށް ދަރުބާރުގައި ހުންނަ އިންތިޚާބީ މަރުކަޒަށް ގާސިމާއި، ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި، ބައެއް ސަޕޯޓަރުން އެކުގައި ދިޔައީ ފައިމަގުގައެވެ.
މިހާރުގެ ސަރުކާރު ފެށުނީއްސުރެ، ދާދި ފަހަކާ ޖެހެންދެން ސަރުކާރު ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމީ އެ ޕާޓީގެ ކޮންގްރެސްއިން އެގޮތަށް ނިންމުމާ ގުޅިގެންނެވެ. އެއާއެކު، ޕާޓީގެ ކައުންސިލުން ވަނީ ރިޔާސީ ޓިކެޓު ލީޑަރު ގާސިމް އިބްރާހީމަށް ހަވާލުކުރައްވާފައެވެ.
ގާސިމްގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުގައި ހުންނެވި، އަމީން އިބްރާހީމް ހަމަޖެއްސެވީ އިއްޔެއެވެ. އަދި އިންތިހާބީ އޭޖެންޓަކަށް ހަމަޖައްސާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
މިއަދު ހެނދުނު ޕީޕީއެމް، ޕީއެންސީގެ ކޯލިޝަނުގެ ކެންޑިޑޭޓް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެސީ ވަނީ ހުށަހަޅާފައެވެ.
އިއްޔެ ހުށަހެޅި ފޯމުތަކުގެ ތެރެއިން، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި، އެމްއެންޕީގެ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްގެ ފޯމް ވަނީ މިހާރު އީސީން ބަލައިގެންފައެވެ.