މިއަދު ހެނދުނު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ފޯމް އިލްކެޝަންސް ކޮމިޝަނާ ހަވާލުކުރުން ދަރުބާރުގޭގައި ކުރިއަށް ދިޔަ އިރު، އޭގެ އިރުކޮޅެއް ކުރިން ޚަބަރުތަކުގެ ފަލަ ސުރުހީތަކަށް އެރީ ވަރަށް ހިތާމަވެރި ޚަބަރެކެވެ.

އެއީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެ ދަރިފުޅު އަޙްމަދު ފުވާދު، ދުނިޔެ ދޫކުރި ޚަބަރެވެ. އޭނާ މަރުވީ އިންޑިއާގެ ޓްރިވިންޑްރަމްގައި ކިޑްނީއާއި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. މިއީ ހަމަ ގައިމު ވެސް ފުއާދާއި އޭނާގެ އާއިލާއަށް ފުން ހިތާމައެއް ގެނުވާނެ ޚަބަރެކެވެ.

މިއަދު ހެނދުނު ކެންޑިޑެސީ ފޯމް ބަލައިގަތުމުގެ ރަސްމިއްޔާތުގައި ފުއާދު ނެތް ނަމަވެސް އެކަމާ ސުވާލު ކުރާނެ މިހާކު ނުހުންނާނެއެވެ. މި އުނދަގޫ، ހިތާމަވެރި ވަގުތުގައި އޭނާ އެތަނުން ފެންނާނެ ކަމަށް ވެސް ގިނަ ބަޔަކު އުންމީދެއް ނުކުރާނެއެވެ.

ނަމަވެސް، ކަންވީ ހީކުރީ ގޮތާ މުޅީން ޚިލާފަށެވެ. ފޯމު ބަލައިގަތުމުގެ ރަސްމިއްޔާތު ފެށުނު އިރު، ފުއާދު އޭނާގެ ވަޒީފާގައި، ފޯމާ ހަވާލުވުމަށް ގޮސް ހުންނެވީ ދަރުބާރުގޭގައެވެ.

ޒިންމާ އަދާކުރައްވަން ހުންނެވި އިރު އޭނާއަކީ މިއަދު މުޅި ގައުމު ފަޚުރުވެރިވާނޭ ފަދަ ފަހުލަވާނެކެވެ. ހަޔާތުގެ އެންމެ ހިތާމަވެރި ވަގުތު ވެސް އޭނާ އެ ހުންނެވީ ޒިންމާތައް ކޮނޑުގައި އަޅުއްވާ މަސައްކަތުގައެވެ. އެއީ ކެތްތެރިކަމުގެ ނަމޫނާއެކެވެ.

ފުއާދާއި އާއިލާއަށް ހިތްވަރު ދިނުމާއި ތައުރީފުގެ ބަސްތަކުން ސޯޝަލް މީޑިއާ މިހާރު ވެސް ވަނީ ފުރާލާފައެވެ. ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި އެންމެންގެ އެދުމަކީ ވެސް މި ހިތްދަތި ވަގުތު ފުއާދަށް ކެތްތެރިކަމާއި ހިތްވަރު ލިބުމެވެ.