07 Aug 2023, 10:31
ޕީޕީއެމް އެތެރެ މެދުނުކެނޑި ތަޅާތާ ހަފުތާއެއް ވީއެވެ. މިހާރު މި ހިނގާ ކަންތައްތައް ވެސް ވަރަށް ސާފެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެ ހުންނެވީ "ފަޅާލާފައި ނުކުންނަން" ޖެހުނަސް ތައްޔާރަށެވެ. ޖަލުގައި އޮންނެވި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ތަކުރާރުކޮށް ސެނެޓުގެ މެޖޯރިޓީއާ އެކު އެއްސެވުމުން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރަން ދެކޮޅު ހައްދަވައިފައެވެ.
މިއީ އެކަމަކު، މިއަދު ފެށިގެން އުޅޭ ހަނގުރާމައެއް ނޫނެވެ. މިހާރު މި ދަނީ "ފަހު ތަޅާލުން ގަނޑެ"ވެ.
ވ. އާރަށު މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ގެންގުޅުއްވީ، މުއިއްޒު އެއް ފަރާތް ކޮށްފައި، ޕީޕީއެމުން އާ ކެންޑިޑޭޓަކު ދެއްކުމުގެ ވިސްނުންފުޅެވެ. އެކަމަކު، މުއިއްޒު އަނެއްކާ ވެސް ޓިކެޓަށް އެއަށް ވުރެ ބާރަށް ހިފާލީއެވެ.
ޔާމީން ކަނޑައެޅިގެން މުއިއްޒަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވާފައި އޮއްވައި، މިއަދު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން މުއިއްޒު އޭނާގެ ފޯމު ވެސް ހުށަހަޅުއްވީއެވެ. އެނގިފައިވާ ގޮތުގައި މުއިއްޒަށް ތާއީދު ކުރަން ޔާމީން ނިންމެވީ އޭގެ ވެސް ފަހުންނެވެ. އެންމެ ފަހު ވަގުތެވެ. އިތުރު ގޮތެއް ނެތިގެންނެވެ.
މުއިއްޒަށް ޔާމީން އިތުބާރެއް ނުކުރޭ
ޖެހިގެން އުޅޭ އަސްލު މައްސަލައަކީ، ޔާމީން މުއިއްޒަށް އިތުބާރު ނުކުރުމެވެ. މާލޭގެ މޭޔަރު ކަމަށް ވަޑައިގެން ހިސާބުން މުއިއްޒު ގެންދެވީ ވަރަށް ފާޅުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓަށް މަސައްކަތް ކުރައްވަމުންނެވެ. މާލޭ ސިޓީ ކައުންސިލްގެ މެންބަރު އާދަމް ރަމީޒު ޕާޓީން ބޭރު ކޮށްލީ ވެސް އެ މައްސަލަ ބޮޑު ވެގެންނެވެ. އެ ކަން ކުރެއްވީ ވެސް ސީދާ ޔާމީންގެ އިރުޝާދުގެ ދަށުންނެވެ.
"މުއިއްޒު ހަމަ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަނީ ޓިކެޓަށް. އެ މައްސަލަ ބޮޑުވެ ގޯސްވެފައި އޮތީ. މިހާރު އިތުރު ގޮތެއް ނެތިގެން ވެސް މުއިއްޒަށް ތާއީދު ކުރައްވަން ރައީސް ޔާމީން ދެކޮޅު ހަދަނީ ހަމަ،" ޕީޕީއެމްގެ އޮފިޝަލަކު ނަން ނުޖަހާ ގޮތަށް ވިދާޅުވިއެވެ.
އެހެންވެ، އެ މަނިކުފާނު ނެތް ވަގުތެއްގައި ޕާޓީގެ ތެރެއިން ޓިކެޓަށް މަސައްކަތް ކުރުމުގެ ސަބަބުން ޔާމީން، މުއިއްޒަށް އިތުބާރެއް ނުކުރައްވައެވެ. އެ މަނިކުފާނު ނެތް ހާލަތެއްގައި ޔާމީން އެދިލައްވަނީ އެ މަނިކުފާނަށް އިތުބާރު ކުރެވޭ ބޭފުޅަކަށް ޓިކެޓު ހަވާލު ކުރާށެވެ.
މޭޔަރު ކަމުގައި ހުންނަވައިގެން މުއިއްޒު ގެންދެވީ ޕީޕީއެމްގެ ތެރެއަށް "އަތްގަދަ" ކުރައްވަމުންނެވެ. މިހާރު މުޅި ސެނެޓުގެ މެޖޯރިޓީ ނަންގަވައިފިއެވެ. ކެންޑިޑޭޓެއްގެ މައްސަލައިގައި ފަހުން ޔާމީން ބޭނުންފުޅުވި އެއްވެސް ގޮތަކަށް ސެނެޓަކުން ނުނިންމައެވެ. ބޮޑު މެޖޯރިޓީއެއް އޮތީ މުއިއްޒާ އެކުއެވެ.
ޔާމީން މުއިއްޒަށް އިތުބާރު ނުކުރާ ސަބަބުތަކެއް ހުރެއެވެ. އެއީ، ޕާޓީ ބަދަލު ކުރުމުގެ ސަގާފަތެއް އޭނާގެ ކިބައިގައި ހުރީމައެވެ.
އޭނާ އަކީ ޔާމީނާ އެކު ފެށުނީއްސުރެ އުޅުއްވި ބޭފުޅެއް ނޫނެވެ. އަދި، ޕީޕީއެމް ތެރެއިން ޓިކެޓު ނުލިބިއްޖެ ހާލަތަކަށް ވެސް އޭނާ ގެންދެވީ "ޕާޓީ ބަދަލު ކޮށްލުމުގެ" ވިސްނުމެއް ގެންގުޅުއްވަމުންނެވެ. އެގޮތުން، "ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓު ލިސްޓުގެ އެއްވަނައިގައި ފަހު ވަގުތަށް ވެސް މުއިއްޒުގެ ނަން އޮތެވެ. އަދި، އެމްޑީޕީން ތިބީ ޕީއެންސީގެ ޓިކެޓު ނުލިބުމުން "މުއިއްޒު އޮންބޯޑު" ކުރެވޭނެ ކަމަށް ބަލައިގެންނެވެ.
"ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވުމާ ހަމައަށް، ރަނިންމޭޓު ކަމުގެ ލިސްޓުގައި އެންމެ ކުރީގައި އޮތީ މުއިއްޒު. ގާތްގަނޑަކަށް އެއްބަސްވުމަކަށް ވެސް އާދެވުނު،" ނަން ނުޖަހާ ގޮތަށް ވާހަކަދެއްކި ރައީސްގެ ގާތް ބޭފުޅަކު ކުރިން ވިދާޅުވިއެވެ.
އެނގިފައިވާ ގޮތުގައި މި ހުރިހާ ސަބަބުތަކާ ހުރެ ޔާމީން މުއިއްޒަށް އިތުބާރެއް ނުކުރައްވައެވެ. ތަކުރާރުކޮށް ވެސް މުއިއްޒަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވަނީއެވެ. އެ ނޫން ގޮތެއް ނެތިގެން އިންތިޚާބު ބޮއިކޮޓު ކުރަން ޖެހުނަސް މުއިއްޒަށް ތާއީދު ކުރައްވާކަށް ޔާމީން ބޭނުންފުޅެއް ނުވެއެވެ.
ޕްލޭން ބަދަލުވީ ފަހު ވަގުތު
އެންމެ ފަހު ވަގުތާ ޖެހެންދެން ޔާމީންގެ ވިސްނުންފުޅަކީ މުއިއްޒު އެއް ފަރާތް ކޮށްފައި، ޕީޕީއެމުން ކެންޑިޑޭޓެއް ނެރުމެވެ. އެކަމަކު، ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން މާ ފާޅުގައި "މުއިއްޒަކީ ވޯސްޓް ކޭސް" ކަމަށް ވިދާޅުވާން ފެށުމުން ޕާޓީގެ އެތެރެ ހޫނުވީއެވެ.
މި ވަގުތު ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނުނެރޭން ނިންމީ އެ ހިސާބުން ކަމަށް ޕީޕީއެމްގެ އިސް ބޭފުޅުން ގަބޫލު ކުރައްވައެވެ. ޔާމީންގެ ވިސްނުންފުޅު ހާމަވީ ހިސާބުން، އެއާ ދެކޮޅަށް މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތީއެވެ.
މިދިޔަ ހުކުރު ދުވަހު، ކުރިއަށް ދިޔަ ޔާމީންގެ އަޑުއެހުމަށް ފަހު ސުޕްރީމް ކޯޓު ބޭރުގައި ހުންނަވައިގެން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް ވަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ޔާމީންގެ ވިސްނުންފުޅު ހާމަ ކުރައްވައިފައެވެ. އެއީ، ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރުމެވެ. އަދި، އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫނީ މުއިއްޒަށް ތާއީދު ކުރެއްވުމުގެ ވިސްނުންފުޅެއް ޔާމީން ނުގެންގުޅުއްވައެވެ.
"ޕްލޭން އޭ އަކީ އެ މަނިކުފާނު [ޔާމީން]. ޕްލޭން ބީއަކީ އެ މަނިކުފާނަށް ކުރިމަތިނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ކެންޑިޑޭޓެއް. ޕްލޭން ސީއަކީ ޕީއެންސީގެ ކެންޑިޑޭޓެއް ހުރުން،" އެ ދުވަހު ޝިޔާމް ވިދާޅުވިއެވެ.
ފަހުން، ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ރަނިންމޭޓު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަކީ "ވޯސްޓް ކޭސް" ކަމަށް ތަކުރާރު ކުރައްވައިފައެވެ. އެ ހިސާބުން އަނެއްކާ ވެސް މުއިއްޒަށް ތާއީދު ކުރައްވާ ބޭފުޅުން ހިތްހަމަނުޖެހުން ފާޅު ކުރަން ފެށިއެވެ. އަދި، މުޅި ޕީޕީއެމްގެ މަސްލަހަތު ގެއްލި އެތެރެ ފަޅައިގެންދާ ހިސާބަށް ދިޔައެވެ.
އެތެރޭގެ ކަންކަން އެނގޭ ޕީޕީއެމްގެ ސެނެޓަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ، އެތެރެ އެހާ ބޮޑަށް ގޯސްވުމާ ހަމައަށް ވެސް ޔާމީންގެ ވިސްނުންފުޅަކީ ޕީޕީއެމުން ކެންޑިޑޭޓެއް ނެރުން ކަމަށެވެ. އެކަމަކު، މުޅި ޕާޓީ އެއްކޮށް ފަޅައިގެން ދާނެހެން ހީވުމުން "ކުއްލިއަކަށް" ޕްލޭން ބަދަލު ކޮށްލެއްވީއެވެ.
އެ ހިސާބުން ޔާމީން ދެން އެންގެވީ، މި ފަހަރު އިންތިޚާބު ބޮއިކޮޓު ކުރާށެވެ. އެކަމަކު، އެ ނިންމުމާ މެދު މުއިއްޒުގެ ބާރު ހިނގާ ސެނެޓުގައި ވޯޓަށް އެހުމުން ބޮޑު އަޣުލަބިއްޔަތަކުން ނިންމީ އިންތިޚާބު ބޮއިކޮޓު ނުކުރާށެވެ.
ޔާމީން ދެ ފަހަރަށް އެދިވަޑައިގަތުމުން ވެސް ސެނެޓަރުން ބޭނުންވީ އިންތިޚާބުގައި ކުރިއަށް ދާށެވެ. އާންމު މެންބަރުން ވެސް އިތުރު ފަސް އަހަރު "މަގުމަތި" ވާކަށް ނޭދެއެވެ. ރޭ ލީޑާޝިޕުގެ ބައްދަލުވުން ކުރިއަށް ދިޔައިރު، ޕީޕީއެމް އޮފީސް ދޮށަށް އެއްވެ ތިބި އެ ޕާޓީގެ ސަޕޯޓަރުން އާދޭސް ކުރަމުން ދިޔައީ "ޕާޓީ މަގުމަތިވިޔަ ނުދޭ"ށެވެ.
އާންމު މެންބަރުން ގޮވަމުން ދިޔައީ "ކޮންމެ މީހެއް" ވިޔަސް ޕާޓީގެ ފަރާތުން ވާދަ ކުރައްވާށެވެ. އަދި، މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި އެ ކެންޑިޑޭޓެއްގެ ފަހަތުގައި ތިބޭށެވެ. ފަހު ވަގުތު، ގޮތް ހުސްވެ، މުއިއްޒަށް ތާއީދު ކުރަން ޔާމީން ވެސް ނިންމެވީއެވެ. އާންމު މެންބަރުން ބޭނުންފުޅުވާ ގޮތަށް ޕާޓީ މަގުމަތި ވިޔަ ނުދޭށެވެ. އެއީ، ޕާޓީގެ ކޮންޓްރޯލު މުއިއްޒު ނެންގެވުމަށް ވުރެ، ޕާޓީ މަގުމަތިވެ، ހަލާކުވެގެން ދިއުމުގެ ގެއްލުން ޔާމީނަށް ބޮޑު ވާތީއެވެ.
ޔާމީން ގޮތް ދޫކުރެއްވުމާ އެކު، ސަރުކާރު ބަދަލު ކުރުމުގެ ރޫހުގައި މުޅި ޕީޕީއެމް ލީޑާޝިޕް މުއިއްޒަށް އެންޑޯޒް ކޮށްފިއެވެ. ޕީޕީއެމް ތެރޭގައި މި ހިނގާ ދިޔައީ ޔާމީނާއި މުއިއްޒުގެ ގަދަ ހިފުމެކެވެ. ހަނގުރާމައެކެވެ. ފެންނަ ފެނުމަށް، އެ ހަނގުރާމަ ކާމިޔާބު މި ކުރެއްވީ މުއިއްޒެވެ.