ދ. މީދޫ ބަނދަރުގެ ހަގީގީ ބާނީ އަކީ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ. އާމިރު މިހެން ވިދާޅުވީ މީދޫ ބަނދަރު ހުޅުވުމަށް ޓަކައި އިއްޔެ އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އާމިރު ވިދާޅުވީ މީދޫގެ ބަނދަރު ހަގީގަތަކަށް ހެއްދެވުމަށް އެ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ރައްޔިތުންގެ މަޖިލީހުގެ އެތެރެއިންނާއި ބޭރުން ވަރަށް ގިނަ މަސައްކަތް ތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި މިއަދު މި ބަނދަރު ހަގީތަކަށް ވެފައިވާ އިރު އޭގެ ހުރިހާ ތައުރީފެއް ހަގީގަތުގައި ހައްގުވާ ބޭފުޅަކީ ސިޔާމް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް ސަޢީދު ވިދާޅުވީ މީދޫ ބަނދަރަކީ އެއްވެސް މީހެއްގެ ޖީބުން ކޮށްފައިވާ ޚަރަދެއް ނޫން ކަމަށާއި އެއީ ސަރުކާރުން ކުރެއްވި ޚަރަދެއް ކަމަށެވެ. އަދި މި ބަނދަރު ހަގީގަތަކަށް ވެގެން މި ދިޔައީ މީދޫ ދާއިރާގެ މެންބަރު ސިޔާމްގެ ވަރަށް ބޮޑު މަސައްކަތަކުން ކަމަށާއި އެ ކަމަށް ޓަކައި ސަރުކާރަށާއި ސިޔާމަށް އިސްމާއީލް ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ހަމަ އެހެންމެ އަންނަ އަހަރު މީދޫގެ ބިން ހިއްކުމުގެ މަސައްކަތް ވެސް އަތޮޅުގެ ދެ މެންބަރުންނާ އެކު މަސައްކަތް ކުރައްވައިގެން ފެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް އިސްމާއީލް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެންބަރު އާމިރު ވެސް އަދި އިސްމާޢީލް ސައީދު ވެސް ވަނީ މިއަދުގެ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ވިދާޅުވެފަ އެވެ.

މީދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ސަން އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އިސްމާޢީލް ސަޢީދު ވިދާޅުވީ މީދޫގެ ބަނދަރު އެއީ އެ ދާއިރާގެ މެންބަރުގެ ސިޔާމްގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި އެ ކަން ހަގީގަތަކަށް ވެގެން ދިޔައީ އެމަނިކުފާނުގެ ވަރަށް ބޮޑު ގުރުބާނީ ތަކެއްގެ ތެރެއިން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެ ބަނދަރަށް ޓަކައި ވަކީން ޚާއްސަ ގޮތެއްގައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ގިނަ މުއާމަލާތް ތަކެއް ސަރުކާރާ އެކު ކުރެއްވި ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ ގޮތުން މީދޫ ބަނދަރަށް ޓަކައި ސިޔާސީ އެތައް ވޯޓެއް ވެސް ރައްޔިތުންގެ މަޖިލީހުގައި ސިޔާމް ގުރުބާން ކުރެއްވިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އިސްމާޢީލް ވިދާޅުވި އެވެ.

"މީދޫގެ ބަނދަރު ހަގީގަތަކަށް ހެދުމަށް ސިޔާމް ކުރެއްވި މިންވަރާ ގާތަށް ވެސް މަސައްކަތް ކުރެއްވި އެހެން ދެވަނަ ބޭފުޅަކު ނުހުންނާނެ. މީ އޮޅުވައިލެވޭނެ ހަގީގަތެއް ނޫން. މި ކަން ކިތަންމެ ވަރަކަށް ފޮރުވަން ބަޔަކު އުޅުނަސް އެކަމެއް ނުވާނެ. އެ ބަނދަރުގެ ހަގީގީ ބާނީ އަކީ ސިޔާމް ނޫން ދެވަނަ ބޭފުޅެއް ނޫން،" އިސްމާއީލް ވިދާޅުވި އެވެ.

މީދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ސަން އަށް ދެއްވި އިންޓަވިއުއެއްގައި، ދ. އަތޮޅު ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މީދޫ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މޫސަލް މުސްތަފާ ވިދާޅުވީ މި އުފާވެރި ރަސްމިއްޔާތާ ގުޅިގެން އެންމެ ބޮޑު ޝުކުރެއް އަދާ ކުރައްވަން ބޭނުންފުޅުވަނީ ދާއިރާގެ މެންބަރު ސިޔާމަށް ކަމަށެވެ. އެ ގޮތުން މީދޫގެ ބަނދަރުގެ އިތުރުން ރަށާ ގުޅުން ހުރި ކޮންމެ ކަމެއްގައި ވެސް ސިޔާމް މަސައްކަތް ކޮށްދެއްވާފައި ވަނީ ޚުދު ރަށު ރައްޔިތެކޭ އެއް އުސޫލުން ކަމަށެވެ. އެ ގޮތުން ވިޔަފާރި އާއި އެހެނިހެން ގޮތްގޮތުން ކިތަންމެ ދަތި އަދި އުނދަގޫ ދުވަސްތަކެއް ކުރިމަތިވެވަޑައިގަތަސް، ރައްޔިތުން އެދުނު އެއްވެސް ކަމެއްގައި ނޫނެކޭ ވިދާޅުވެފައި ނެތް ކަމަށް މުސްތަފާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ރާއްޖޭގެ އެއްވެސް އަތޮޅަކަށް އަދި މިހާތަނަށް ބަލާ އިރު ސިޔާމް ފަދަ ހެޔޮ މެންބަރެއް ނުލިބެޔޭ. އެކަމަށް ޓަކައި އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިވާން ޖެހޭ. މީދޫ ރައްޔިތުން އަބަދުވެސް އެކަން ބަލައިގަންނާނެ،" މުސްތަފާ ވިދާޅުވި އެވެ.