07 Aug 2023, 10:01
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އިންތިޚާބު ބޮއިކޮޓް ކުރަން އިއްޔެ އެންގެވި ނަމަވެސް، ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާޢިދު ކުރަން ފަހު ވަގުތު އެމަނިކުފާނު ނިންމަވައިފިއެވެ.
އެކަން ހާމަކުރެއްވީ ގާނޫނީ ވަކީލް އަދި ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިދިޔަ ހުކުރު ދުވަހު އަޑުއެހުންތައް ބޭއްވުމަށް ފަހު، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފައި ވަނީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ.
އެ ހުކުމް ކުރިތާ މާގިނައިރެއް ނުވެ ރައީސް ޔާމީން ނޯޓެއް މެދުވެރިކޮށް ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕަށް އެންގެވީ، ސެނެޓަށް ފެންނަ ނަމަ ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. އެކަމާ ބެހޭ ގޮތުން ޕީޕީއެމް އޮފީހުގައި ސެނެޓުން ބޭއްވި މަޝްވަރާ ބައްދަލުވުން ހޫނުވެ، ހަމަނުޖެހުން ވެސް އުފެދުނެވެ.
އެ ބައްދަލުވުމުގައި ސެނެޓުން ނިންމީ އިންތިޚާބުގައި ވާދަކުރުމަށެވެ. ނަމަވެސް ރޭވެސް އަނބިކަނބަލުން ފާތިމަތު އިބްރާހީމް މެދުވެރި ކުރައްވައި ޔާމީން ވަނީ ސެނެޓުގެ ނިންމުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިއަދު މުއިއްޒުގެ ކެންޑިޑެސީ އީސީއަށް ހުށަހެޅުއްވުމުން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ ސެނެޓުގެ ނިންމުމަށް ތާއިދު ކުރަން ޔާމީން މިހާރު ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ.
"ސެނެޓްގެ ވިސްނުމާއި އެއްގޮތަށް ރައީސްޔާމީން ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފަ. އަދި އަޅުގަނޑުގެ ފުރިހަމަ ތާއީދު ތިޔަ ކެނޑިޑޭޓުންނަށް ލިބިވަޑައިގަންނަވާނެ،" ޖަމީލް ވިދާޅުވިއެވެ.
މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓަކު ނެރުމަށް ސެނެޓްގައި ނެގި ވޯޓްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާ ވާދަކުރައްވައި ދެ ވޯޓްގެ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.
މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައި ވަނީ ފަރެސްމާތޮޑާ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.