ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެންގެވުމާ ދެކޮޅަށް، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު، ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކެންޑިޑެސީ ހުށަހަޅުއްވައިފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށް ދަނީ މުއިއްޒު ފޯމް ހުށަހެޅުމެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހަވާލު ކޮށްދެއްވީ މުއިއްޒެވެ. އެކުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޔާމީންގެ އިންތިޚާބީ އެޖެންޓް އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުޙައްމަދު ތޮލާލް ވަޑައިގަތެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން އިއްޔެ ހުކުމް ކުރުމާއެކު ޔާމީން އެންގެވީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. ނަމަވެސް އެގޮތަށް އަމަލު ކުރަން އެ ކޯލިޝަންގެ ސެނެޓުން ފާހެއް ނުވިއެވެ. އެކަން ޔާމީނަށް އެންގުމާއެކު ވެސް އެމަނިކުފާން އެންގެވީ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ.

ފޯމް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ، ރައީސް ޔާމީން އޭނާގެ ކެންޑިޑެސީއަށް ތާއިދު ކުރެއްވުމާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލުތަކަށް މިއަދު ބާއްވާ ޕްރެސް ކޮންފަރެންސެއްގައި ޖަވާބު ދެއްވާނެ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ވަގުތެއް އޭނާ ވިދާޅުނުވެއެވެ.

މުއިއްޒަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޔާމީނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ޕީއެންސީގެ ކެންޑިޑޭޓަކު ނެރުމަށް ސެނެޓްގައި ނެގި ވޯޓްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާ ވާދަކުރައްވައި ދެ ވޯޓްގެ ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

މުއިއްޒަށް ޓިކެޓް ލިބުމާއެކު ޔާމީނަށް ވަފާތެރި ބޭފުޅުން ވިދާޅުވީ މުއިއްޒަކީ ޕްލޭން "ސީ" ކަމަށެވެ. އަދި ޕްލޭން "ބީ" އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށެވެ. ނަމަވެސް މުއިއްޒުގެ ސަޕޯޓަރުން އެގޮތް ގަބޫލެއް ނުކުރިއެވެ.

މި ހިޔާލު ތަފާތުވުންތަކާއެކު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ވަނީ ވަރަށް ބޮޑަށް ދެބައިވެފައެވެ. އިއްޔެ ބޭއްވި ސެނެޓްގެ ބައްދަލުވުމުގައި ވެސް ހިޔާލު ތަފާތުވުންތައް އުފެދި، ހަމަނުޖެހުންތައް ވެސް ހިނގިއެވެ.