މިއަހަރު އޮސްކާ އެވޯޑް ލިބުނު އިންޑިއާގެ ޑޮކިއުމެންޓްރީ ފިލްމު "ދަ އެލެފެންޓް ވިސްޕަރާސް" ގެނެސްދިން ފަރާތްތަކަށް ބޮޑެތި ތުހުމަތުތަކެއް މިފިލްމުގައި ފެންނަ ދެމަފިރިން ކޮށްފިއެވެ.

އިންޑިއާގެ ތަމަޅަ ނާޑޫ ސްޓޭޓަށް ނިސްބަތްވާ ބޮމަންއާއި ބެލީއަކީ، މިޑޮކިއުމެންޓްރީގައި ދައްކުވައިދޭ އެތް ގެންގުޅެ ބަލަހައްޓާ ދެމަފިރިންނެވެ.

ބޮމަންއާއި ބެލީގެ ދެމަފިރިން ބުނެފައިވަނީ "ދަ އެލެފެންޓް ވިސްޕަރާސް"ގެ ޑައިރެކްޓަރު ކާތިކީ ގޮންސާލްވްސްއާއި މިޑޮކިއުމެންޓްރީ ގެނެސްދިން ސިކްޔާ އެންޓަޓެއިންމަންޓް ކުންފުނިން އެ ދެމަފިރިންނަށް ދޮގުހަދާ ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށެވެ. އެގޮތުން ޑޮކިއުމެންޓްރީގައި ފެންނަ ކައިވެނީގެ ސީންއަށްދިޔަ ޚަރަދު އަނބުރާ ފަހުން އެދެމަފިރިންނަށް ދޭނެކަމަށް ޑައިރެކްޓަރު ކާތިކީ ވައުދުވެފައިވާކަމަށާއި ނަމަވެސް އެ ފައިސާގެ މުއާމަލާތް މިހާތަނަށް ކުރެވިފައިނުވާކަމަށް ބޮމަންގެ ދެމަފިރިންވަނީ ބުނެފައެވެ.

ޑޮކިއުމެންޓްރީގެ ޝޫޓިންގް ކުރިޔަށްދިޔަ ދުވަސްވަރު ކާތިކީއާއެކު ވަރަށް ގާތް ގުޅުމެއް ދެމަފިރިންގެ އޮތްކަމަށާއި ނަމަވެސް އޮސްކާ އެވޯޑް ލިބުނު ހިސާބުން އެގުޅުން ހީނަރުވެފައިވާކަމަށް ބޮމަންއާއި ބެލީވަނީ ބުނެފައެވެ. ޑޮކިއުމަންޓްރީގައި ބޮމަންގެ ދެމަފިރިންގެ ކައިވެނީގެ މަންޒަރު ނެގުމަށް އެ ދެމަފިރިންވަނީ ދެ މީހުންގެ މާމަ ދަރިފުޅުގެ މަތީ ތައުލީމަށް ހޭދަކުރަން ރައްކާކޮށްފައިހުރި އެއް ލައްކައެއްހާ ރުޕީސް ޚަރަދުކޮށްފައިކަމަށް ބޮމަންވަނީ އިންޑިއާގެ މީޑިއާތަކަށް މައުލޫމާތުދީފައެވެ.

މިކަމާ ގުޅޭގޮތުން ޑައިރެކްޓަރު ކާތިކީއަށް ގުޅުމުން އަބަދުވެސް އަވަދިނެތި އުޅޭކަމަށްބުނެ ފަހުން ގުޅާނެކަމަށް ބުނެފައިވީނަމަވެސް ޑައިރެކްޓަރުގެ އިތުރުން ފިލްމު ޕްރޮޑަކްޝަން ހައުސްގެ އެއްވެސް ޚަބަރެއް މިހާތަނަށް ނުވާކަމަށް އުމުރުން ދުވަސްވެފައިވާ ދެމަފިރިންވަނީ ބުނެފައެވެ.

މިތުހުމަތުތަކާ ގުޅިގެން ފިލްމު ގެނެސްދިން ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިޑޮކިއުމަންޓްރީ ފިލްމަކީ، އިންޑިއާގެ ސަރަޙައްދުތަކުގައިވާ އެތްތަކާއި ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދީ އެތް ގެންގުޅެ ބަލަހައްޓާނެގޮތަށް އާއްމުން އަހުލުވެރިކުރުވުމަށް ގެނެސްދެވުނު ޑޮކިއުމެންޓްރީއެއްކަމަށެވެ.

މި ސްޓޭޓްމަންޓް ނެރުނުއިރު ބޮމަންގެ ދެމަފިރިންގެ ފަރާތުން ކޮށްފައިވާ ތުހުމަތުތަކަށް ފިލްމު ގެނެސްދިން ކުންފުނިން އެއްވެސް ވަރަކަށް ރައްދު ދީފައެއް ނުވެއެވެ.

މިޑޮކިއުމަންޓްރީއަށް އޮސްކާ އެވޯޑް ލިބުމާ ގުޅިގެން ޓެމިލް ނާޑޫގެ ސަރުކާރުންވަނީ އެއް ލައްކަ ރުޕީސްގެ އިނާމާއެކު ބޮމަންގެ ދެމަފިރިން ދިރިއުޅޭނެ ގެއެއް ހަދިޔާކޮށްފައެވެ. އަދި ޑައިރެކްޓަރު ކާތިކީއަށްވަނީ ސަރުކާރުގެ ފަރާތުން އިނާމެއްގެގޮތުގައި އެއް ކްރޯޑް ރުޕީސް ލިބިފައެވެ.