06 Aug 2023, 23:48
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެންޑިޑެންސީ ފޯމުު މާދަމާ ހުށަހަޅަން ނިންމައިފިއެވެ.
ޕީއެންސީގެ އިސް ބޭފުޅަކު މި ކަން ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ މުއިއްޒުގެ ފޯމު މާދަމާ ހުށަހެޅުމުގެ ކަންކަން ކުރިއަށް ދާއިރު އުފާފާޅުކުރުމުގެ އެއްވެސްކަމެއް ކުރިއަށް ނުދާނެ ކަމަށެެވެ.
"ރައީސް ޔާމީނަށް ޖަލުގައި އަނިޔާ ލިބެމުންދާއިރު މި ހިތާމަވެރި ދަނޑިވަޅުގައި އެއް ގޮތަކަށް ވެސް ކުރަން ރަނގަޅުކަމެއް ގޮތުގައި މުއިއްޒު ދެކެވަޑައިނުގަންނަވާ،" އޭނާ ވިދާޅުވިއެވެ.
"މުއިއްޒު ބޭނުންފުޅުވަނީ ޕީޕީއެމް/ޕީއެންސީ އެކަތިގަނޑަކަށްވެ އިންތިހާބު ކާމިޔާބުކޮށް ޖަލުން ރައީސް ޔާމީނަށް ލިބެމުންދާ އަނިޔާއިން ސަލާމަތްކުރަން،"
މުއިއްޒު ޕީއެންސީގެ ޓިކެޓް ކާމިޔާބުކުރައްވައިފައިވާއިރު، އޭނާގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
މުއިއްޒުގެ ފޯމު ހުށަހަޅަން ނިންމައިފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެންޑިޑެންސީ ބަަލައިނުގަތުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު ނިންމައިފައެެވެ.
އެ ހުކުމަށްފަހު ޔާމީން ދެއްވި ނޯޓެއްގައި ވިދާޅުވެފައި ވަނީ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
ނަމަވެސް، އެ އެންގުމާއެކު މިއަދު މެންދުރު އިދިކޮޅު ކޯލިޝަނުން ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ބޮއިކޮޓް ނުކުރުމަށް ނިންމައިފައެވެ.
ބޮއިކޮޓް ނުކުރަން ސެނެޓުން ނިންމުމުން ވެސް ޔާމީން ވަނީ އެ ނިންމުން ބަލަައިނުގެންނެވުމަށް ނިންމަވާ އެ ކަން އަންގަވައިފައެެވެ. އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ގުޅުއްވާ އެމަނިކުފާނު ވިދާޅުވީ ސްޓޭންޑަކީ އަދިވެސް އިންތިހާބު ބޮއިކޮޓްކުރުން ކަމަށެވެ.
އެ ކަމާ ގުޅިގެން ލީޑާޝިޕްގެ ބައްދަލުވުމެއް މިރޭ ބާއްވައި، އިތުރަށް ޔާމީނާ މަޝްވަރާކުރުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް ލީޑާޝިޕްގެ ބޭފުޅުންގެ ވިސްނުމަކީ ބޮއިކޮޓް ނުކޮށް ކުރިއަށް ދިއުން ކަން "ސަން"އަށް ވަނީ އެނގިފައެވެ.
މި ކަމާ މެދު ގޮތެއް ނިންމުމަށް މާދަމާ ހެނދުނު 9:30ގައި ލީޑާޝިޕުގެ ބައްދަލުވުމެއް ބާއްވާނެއެވެ. އެހެން ނަމަވެސް، އިތުރު ވިސްނުމަކަށް ނުގޮސް މުއިއްޒުގެ ކެންޑިޑެންސީ ފޯމު ހުށަހަޅައި އެ ގޮތަށް ކުރިއަށް ދާން ލީޑާޝިޕުން ނިންމާނެކަމަށް ބެލެވެއެވެ.