06 May 2012, 17:26
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާ ދާއިރާއެއްގައި އޭގެ ވިޔަފާރި ކުރާ ނެޓްވޯކެއް ފަޅާ އަރުވާލައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑްރަގް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަޒްހާން މިއަދު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރު ކުރެވުނު މީހުންގެ އަތުން ކިލޯއެއްހާ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ކަސްޓަމްސްގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ފުރަތަމަ ހައްޔަރު ކުރީ ހއ. ދިއްދޫ އަލިމަސްވިލާ އަދުނާން މޫސާ 55އ. އެވެ. އޭނާއަކީ ރާއްޖެ އަށް މުދާ ގެންނަ އެމްވީ ރަނިޔާ ބޯޓުގެ އޭ.ބީ (ޑެކް މަސައްކަތުގައި ސްޕަވައިޒަރެއްގެ) ވަޒީފާ އަދާކުރާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭނާ މަގުމަތިން ހިނގާފައި ދަނިކޮށް ހުއްޓުވާ ފުލުހުން ބަލާ ފާސްކުރީއިރު އޭނާގެ އަތުން ކެނަބިސް ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި އޮތް ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަސައްކަތްކުރާ ބޯޓުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފަހުރި ފިލްމުހުސްކުރި 12 ދަޅު ފެނިފައިވާ ކަމަށެވެ. އޭނާގެ ދަބަހުން ވެސް ފިލްމް ހުސްކުރި ފަސްދަޅު ފެނުނުއިރު އޭގެ ތެރޭގައި ހުރީ ކެނަބިސް ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ކަމަށްވެސް ފުލުހުން ބުންޏެވެ. އޭނާގެ އަތުން ވަނީ މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ޒާތުގެ ގިނަ އަދަދެއްގެ ރަބަރު ކޮތަޅުތަކެއްވެސް ފެނިފަ އެވެ.
އަދުނާނުގެ މަސައްކަތަށް އެހީތެރެވެދޭ ދެ މީހަކު ވެސް އެ އޮޕަރޭޝަންގައި ފުލުހުން ހައްޔަރު ކުރި އެވެ. ފުލުހުން ބުނީ އޭނާގެ ދެ އެހީތެރިންނަކީ ހ. އޯލްވޭޒްހެޕީހައުސް، އަހުމަދު ރަޝީދު 43، އާއި ށ. ކޮމަންޑޫ ސިތުރާ، ހަސަން ސޯބިރު 26، އެވެ.
ފުލުހުން ބުނީ އަހުމަދު ރަޝީދު ހައްޔަރުކުރަން އުޅުމުން މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ފިލްމު ހުސްކުރި ދަޅެއް އޭނާގެ ޖީބުން ނަގާ އެއްލާލާފައިވާ ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރާ އޮފީހަށް ވަދެ ޗެކްކުރިއިރު އެ އޮފީހުގައި އޭނާ ބޭނުން ކުރާ ލޮކަރެއްގެ ތެރެއިން ކެނަބިސް ކަމަށް ތުހުމަތު ކުރެވޭ އަށް ދަޅާއި ހެރޮއިން ކަމަށް ތުހުމަތު ކުރެވޭ ބޮޑު ޕެކެޓެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
ހަމަ އެ މައްސަލައިގައި ހައްޔަރުކުރި ހަސަން ސޯބިރުގެ އަތުންވެސް ފެނުނީ މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާޒާތުގެ ގިނަ އަދަދެއްގެ ރަބަރު ޕެކެޓްތަކެއްކަމަށް ފުލުހުން ބުންޏެވެ.
މަސްތުވާތަކެތި ފެނުނު އެމްވީ ރަނިޔާ ބޯޓު ރާއްޖެއައުމަށް ފުރާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އިންޑިއާގެ ޓުޓްކޮރިން ބަދަރުންނެވެ.