07 Aug 2023, 08:41
ކުރީގެ ކާމިޔާބު ބަތަލާ ބިޕާޝާ ބާސޫއާއި ކަރަން ސިންގް ގްރޯވަރުގެ އަލަތު ދަރިފުޅު ދޭވީ ވިހެއި އިރުވެސް ހިތުގައި ދެ ލޯވަޅުހުރިކަމަށާއި އެ ޚަބަރާއެކު ދެމަފިރިންގެ ހިތް ފަޅައިގެންދިޔަކަމަށް ބިޕާޝާ ބުނެފިއެވެ.
ބޮލީވުޑްގެ ބަތަލާ ނެހާ ދޫޕިއާއެކު ކުރިޔަށްދިޔަ ލައިވް ސެގްމެންޓެއްގައި ވާހަކަ ދައްކަމުން ބިޕާޝާ ބުނީ އެކަން ދެމަފިރިންނަށް އެނގުނީ ދަރިފުޅު ލިބުނުތާ ތިން ދުވަސް ފަހުންކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުފަންވި ދަރިފުޅުގެ ހިތުގައި ލޯވަޅުތަކެއް ހުރުމުން އެކަމާ ވިދިގެން ދާދިފަހުން ސާޖަރީއެއްވެސް ހަދާފައިވާކަމަށާއި ކުރިޔަށްވުރެ ދަރިފުޅުގެ ހާލު ރަނގަޅުކަމަށް ބިޕާޝާވަނީ ބުނެފައެވެ.
ދަރިފުޅު ދޭވީއާ ބެހޭގޮތުން ވާހަކަދައްކަމުން ދިޔައިރު ބިޕާޝާވަނީ ވަރަށް ބޮޑަށް ޖަޒުބާތީވެފައެވެ. ބިޕާޝާބުނީ ކަރަންއާއި ދެމީހުންގެ ކައިވެނީގެ ޙަޔާތް ވަރަށް އުފާވެރިކަމަށާއި ނަމަވެސް ދޭވީ ލިބުމަށްފަހު ދެ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ދިމާވިކަމަށެވެ. ދަރިފުޅުގެ ހިތުގެ މައްސަލަ ހުރިކަން އެނގުނު ހިސާބުން އެކަމާ ކުރިމަތިލުމަށްވެސް ވަރަށް އުނދަގޫވިކަމަށް ބިޕާޝާވަނީ ބުނެފައެވެ.
އާއްމުގޮތެއްގައި އެ ދެމަފިރިންނަކީ އަބަދުވެސް ވަރަށް އުފާވެރި މޫނަކާއެކު އާއްމުންނާ ކުރިމަތިލާ ބަޔަކަށްވިޔަސް އެހިނިތުންވުމުގެ ފަހަތުގައި ހިތްދަތި އެތައް ތަޖުރިބާތަކެއް ފޮރުވިފައިވާކަމަށް ބިޕާޝާވަނީ ނެހާގެ ލައިވް ޝޯވްގައި ބުނެފައެވެ. ދަރިފުޅަށް ދިމާވި މިކަންތަކުގެ ވާހަކަ ދުވަހަކުވެސް ބަޔަކާ ހިއްސާކުރާނެކަމަށް ހިތަށް ނާރުވާކަމަށާއި އެހެންނަމަވެސް ބިޕާޝާއަށް މިކަންތަކާ ކުރިމަތިލާން ހިތްވަރު ލިބުނީ އެފަދަ އެތައް މައިންގެ ސަބަބުންކަމަށްވެސް ކުރީގެ ބަތަލާވަނީ ބުނެފައެވެ.
މިހާތަނަށް މިކަމުގައި އާއިލާއިންނާއި ގާތް ރަޙްމަތްތެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ބަތަލާވަނީ އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ކޮންމެ ކުއްޖަކަށްވެސް މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެކަމާބެހޭ ފުރިހަމަ މައުލޫމާތު އެއްކޮށް އެންމެ ރަނގަޅު ދަނޑިވަޅުގައި ފަރުވާ ހޯދުމަކީ މުހިއްމުކަމެއް ކަމަށް ބިޕާޝާވަނީ ބުނެފައެވެ. ސަބަބަކީ ތުއްތު ކުއްޖެއްގެ ހިތުގެ އޮޕަރޭޝަނެއް ކުރަންޖެހޭތަން ދުށުމަކީ އެއްވެސް މަޔަކަށް ކެތްވާނެކަމެއް ނޫންކަމަށާއި ނަމަވެސް އެކަމަށް ވަރަށް ހިތްވަރު ބޭނުންވާކަމަށް ބަތަލާވަނީ ބުނެފައެވެ.
ކަރަން އާއި ބިޕާޝާ ލޯބީގެގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކޮށްފައިވަނީ 2016ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.