06 Aug 2023, 23:16
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނިންމުމާ ގުޅިގެން އަނެއްކާވެސް އިތުރަށް އެމަނިކުފާނާ މަޝްވަރާކުރަން ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕުން ނިންމައިފިއެވެ.
މިރޭގެ ލީޑާޝިޕްގެ ބައްދަލުވުން ބޭއްވީ، މިއަދު މެންދުރު އިދިކޮޅު ކޯލިޝަންގެ ސެނެޓުން ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ނިންމައިފައިވާ ނިންމުން ގަބޫލުނުކުރައްވަން އެ މަނިކުފާނު ނިންމުމާ ގުޅިގެންނެވެ.
ޔާމީން ވަނީ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ފޯނުން ގުޅުއްވާ އެ މަނިކުފާނުގެ ސްޓޭންޑަކީ އަދިވެސް އިންތިޚާބު ބޮއިކޮޓް ކުރުން ކަމަށް ވިދާޅުވެފައެވެ.
އެ ކަމާ ގުޅިގެން މިރޭ ބޭއްވި ލީޑަޝިޕްގެ ބައްދަލުވުމުގައި ލީޑަޝިޕްގެ ބޭފުޅުންގެ ވިސްނުމަކީ ބޮއިކޮޓް ނުކޮށް ކުރިއަށް ދިއުން ކަމަށް ލީޑަޝިޕްގެ ބޭފުޅަކު "ސަން"އަށް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
އެހެން ނަމަވެސް، އިތުރަށް ޔާމީނާ މަޝްވަރާކޮށް މާދަމާ ހެނދުނު 9:30ގައި އިތުރު ބައްދަލުވުމެއް ބާއްވަން ވަނީ ނިންމައިފައެވެ.