ރިޔާސީ އިންތިޚާބަށް ކެންޑިޑެސީ ފޯމް މިއަދު ހުށަހަޅާފައިވާ، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފިއެވެ.

އީސީން އެކަން އިއުލާންކުރެއްވީ އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

މިއަދު ހެނދުނު އީސީގެ އިންތިޚާބީ މަރުކަޒު ހުންނަ ދަރުބާރުގެއަށް ވަޑައިގެން ރައީސް ޞާލިޙުގެ ފޯމު ހުށަހެޅުއްވީ، ރައީސްގެ އިންތިޚާބީ އޭޖެންޓު، ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއެވެ. އޭނާގެ އަރިހުގައި އެމްޑީޕީގެ ބައެއް އިސްވެރިންނާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް ޞާލިޙް، އެ މަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވަނީ ހަމަޖައްސައިފައެވެ. އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެފައިވަނީ މިހާރު ވެސް ސަރުކާރުގައި އޮތް، އަދާލަތު ޕާޓީއާއި އެމްޑީއޭއާ އެކު ކޯލިޝަން ހަދައިގެންނެވެ.

މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް--- ފޮޓޯ/ އެމްއެންޕީ

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފޯމް ހުށަހެޅިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

އެ ފޯމް އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރެއްވީ، ކެންޑިޑޭޓް ނާޒިމްއެވެ. އޭނާއާ އެކު ރަނިންމޭޓް، ޑރ. އަޙްމަދު އަދީލް ނަސީރާއި، އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ނާޒިމް ވަނީ ދެ ދައުރެއްގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ތައުލީމީ ދާއިރާގެ ބެކްގްރައުންޑެއް އޮންނަ ބޭފުޅެއް ކަމަށްވާ ޑރ. އަދީލެވެ.

މީގެ އިތުރުން ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައި ވަނީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމާއި، ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސް ލަބީބެވެ.

އީސީން ވަނީ ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމް ބޭރުކޮށްލާފައެވެ. އެއާއެކު ޕީޕީއެމުން ނިހާއީ ހުކުމެއްގެ މައްސަލާގައި އެ މައްސަލަ ސުޕްރިމް ކޯޓަށް ވެއްދުމާއިއެކު އެ ކޯޓުން ވަނީ އީސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނެ ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ހުކުމް ކުރައްވާފައެވެ.