މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ، މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރައީސް އަހްމަދު ފާރިސް މައުމޫނުގެ ރަނިންމޭޓަކަށް ޑރ. އަބްދުއްސައްތާރު ޔޫސުފް ހަމަޖައްސަވައިފިއެވެ.

މިރޭ ފާރިސް ކުރެއްވި ދެއްވި ވީޑީއޯ މެސެޖެއްގައި ވިދާޅުވީ، ޑރ. އަބްދުއްސައްތާރު ޔޫސުފަކީ ރައްޔިތުނަށް ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ވަރަށް ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ އަދި ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ.

ފާރިސްގެ ރަނިންމޭޓުކަން ގަބޫލުކުރައްވާ ޑރ. އަބްދުއްސައްތާރު އެ ވީޑިއޯ މެސެޖުގައި ވިދާޅުވީ، އެ ފުރުސަތު އޭނާ ގަބޫލުކުރެއްވީ ހެޔޮހިތުން ކަމަށާއި ގައުމަށް ފައިދާއެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

"މިއަދު ގައުމު މިއޮތް ހިސާބުން ވަރަށް ރަނގަޅު ހިސާބަކަށް ގެންދިޔުމުގެ މަސައްކަތް ކުރާނަން،" ޑރ. އަބްދުއްސައްތާރު ވިދާޅުވިއެވެ.

ޑރ. އަބްދުއްސައްތާރަކީ، ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ދިވެހި އިޖުތިމާއީ ކަންކަމާ ގުޅޭގޮތުން ގިނަ އަދަދެއްގެ ފޮތް ލިޔުއްވާފައިވާ އަބްދުއްސައްތާރަކީ ތަފާތު ދިރާސާތައްވެސް ހައްދަވާފައިވާ ބޭފުޅެކެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ފާރިސް އެންމެ ފުރަތަމަ ވާދަކުރެއްވުމަށް ނިންމާފައި ވަނީ އެމްއާރްއެމްގެ ޓިކެޓުގައެވެ. އެހެންނަމަވެސް އެ ޕާޓީ އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާ އެ މައްސަލަ ސިވިލް ކޯޓުގައި އޮތުމާއެކު އަމިއްލަގޮތުން ވާދަކުރައްވަން ފާރިސް ނިންމެވިއެވެ. އަދި އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންވާ ސޮއި ވަނީ ހަމަކޮށްފައެވެ. ހަމައެއާއެކު އިތުރަށްވެސް ސޮއި ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފާރިސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.