އަސް ރޭހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު މުބާރާތެކެވެ. މި މުބާރާތަށް އެންމެ މުހިއްމު އެކައްޗަކީ އަހެވެ. ނަމަވެސް މިހާރު ވައިގައި ހިފަމުން އަންނަނީ ތަފާތު އަސް ރޭހެކެވެ. މި އަސް ރޭހުގައި އަހެއް ނުހުރެއެވެ.

މި ފަހަކަށް އައިސް ވައިގައި ހިފަން ފަށާފައިވަނީ "ވީގަން" އަސް ރޭހެވެ. މި އަސް ރޭހުގައި އެއްވެސް އަހެއް ނުދުއްވައެވެ. މި މުބާރާތް ވެފައިވަނީ "އެސްކެޓޭރިއަން" ކުޅިވަރަކަށެވެ. މާނައަކީ މި ކުޅިވަރުވެސް މިއޮތީ ވެޖިޓޭރިއަން ޑައިޓާ އެއްގޮތް ވެފައެވެ.

އަލަށް ވައިގައި ހިފަން ފަށާފައިވާ މި ކުޅިވަރަށް "ހޮބީ ހޯސިން" ވެސް ކިޔައެވެ. މި ކުޅިވަރާއި މުބާރާތުގައި އުޅެނީ މައިގަނޑު ގޮތަކަށް މީހުންނެވެ. އަދި އަހުގެ ބަދަލުގައި އޮންނަނީ ދަނޑިކޮޅަކާއި ކަފައިން ތައްޔާރުކޮށްފައިވާ އަހެއްގެ ބޮލެވެ.

ފިންލެންޑުގައި އުފެދިގެން އައި މި ކުޅިވަރުގެ މަގުބޫލުކަން މިހާރު ވަނީ އޮސްޓްރޭލިއާއަށް ވެސް ފެތުރިފައެވެ. އެކި އުމުރުފުރައިގެ މީހުންގެ މެދުގައި މި ކުޅިވަރު މަގުބޫލުވަމުން އަންނައިރު އެންމެ ބޮޑު މަގުބޫލުކަމެއް ފެނިފައިވަނީ ޒުވާނުންގެ މެދުގައެވެ.

އަސް ދުއްވުމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެ ބެލެހެއްޓުމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭއިރު އަސް ދުއްވުމާއި އަހުގެ ރޭސްތަކުގައި ބައިވެރިވުމަކީ މުއްސަނދިންނާއި މަހުޖަނުންނަށް ޚާއްޞަ ވާ ކުޅިވަރެކެވެ. ނަމަވެސް އެހެން މީހުންގެ ތެރޭގައިވެސް އަސް ދުއްވަން ބޭނުންވާ މީހުން ގިނައެވެ.

މިކަމަށް ހައްލެއް ހޯދުމަށްޓަކައި ހޮބީ ހޯސިން ތައާރަފުކުރިއެވެ. މިކަމަށް ޚަރަދެއް ކުރާކަށް ނުޖެހެއެވެ. އަދި ކޮންމެ އުމުރުފުރައެއްގެ މީހުންނަށްވެސް މި ކުޅިވަރުގައި ބައިވެރިވެވޭއިރު މާ ގިނަ ތަޖުރިބާތަކެއްވެސް ބޭނުމެއް ނުވެއެވެ. މި ކުޅިވަރު މަގުބޫލުވަމުން އަންނަނީ އެހެންވެއެވެ.

ވީގަން ރޭސިން މަގުބޫލުވަމުން އަންނައިރު މިކަމަށް އިންޓަނެޓުގައި އަންނަނީ ތަފާތު ފާޑު ކިޔުންވެސް ރައްދުވަމުންނެވެ. ނަމަވެސް ބައެއް އާންމުންގެ ސަޕޯޓުވެސް މި ކުޅިވަރަށް ލިބެމުން އާދެއެވެ.