06 May 2012, 16:37
ސިފައިންނާއި ފުލުހުންނަށް ހިމާޔަތް ދިނުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް މިހާރު ކުރައްވާ ދަތުރުފުޅުގައި ހަނިމާދޫގައި ތިބޭ ސިފައިންނާއި ފުލުހުނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ އާއިލާތަކަށް މީހުން އުނދަގޫ ކުރަމުން އަންނަ ކަމަށާއި އަދި ސިފައިންނާއި ފުލުހުނަށް ދޭން ޖެހޭ ހިމާޔަތް ދިނުމުގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ސިފައިންނާއި ފުލުހުންނާ ބެހޭ ގޮތުން އެކިފަރާތްތަކުން ދައްކަމުންދާ ނޭދެވޭ ވާހަކަތައް ކުށްވެރި ކުރައްވައި ރައީސް ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ދުވަހަކީ ސިފައިނާއި ފުލުހުނަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ.
ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށް ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ މަސައްކަތަކީ ވަރަށް ބޮޑު ގައުމީ ހިދުމަތެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި އަމަންއަމާން ކަމަށް ޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކަމަށާއި ގާނޫނީ ހުދޫދުގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކުރައްވާނީ، އިންސާނީ ހައްގުތަކާ އެއްގޮތްވާ ގޮތަށް ސާބިތުކަމާ އެކީގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ ދެ ދުވަސް ކުރިން ވަނީ މާލޭގައި އަންހެން ފުލުހަކާ ބަޔަކު މީހުން ދިމާކޮށް މާރާމާރީ ހިންގާފައިވެ އެވެ.