06 Aug 2023, 21:14
ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރަން ޕީޕީއެމް-ޕީއެންސީގެ ސެނެޓުން ނިންމި ނިންމުން ގަބޫލުނުކުރައްވާ ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް އަންގަވައިފިއެވެ.
އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވަނީ މި ކަން "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އެ ގޮތަށް ޔާމީން އެންގެވީ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ކުރެއްވި ފޯނު ކޯލެއްގައެވެ.
އެމަނިކުފާނުގެ ސްޓޭންޑަކީ އިންތިޚާބު ބޮއިކޮޓްކުރުން ކަމަށް ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބައްދަލުވުން މިހާރު ވެސް ކުރިއަށް އެބަދެއެވެ. އެ ބައްދަލުވުމުގައި ދެން އެ ކޯލިޝަނުން ކަންތައް ކުރާނެ ގޮތަކާ މެދު ގޮތެއް ނިންމާނެއެވެ.
އެމަނިކުފާނުގެ ސްޓޭންޑަކީ އިންތިޚާބު ބޮއިކޮޓްކުރުން ކަމަށް ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ.
އެކަމަކު، ޕީޕީއެމުން ފަހުން ބުނެފައިވަނީ އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ބޭނުންވާ ކަމަށެވެ. އަދި، ޔާމީން ނެތް ހާލަތެއްގައި މުއިއްޒަށް ތާއީދު ކުރަން އެ ޕާޓީން ނުނިންމާ ކަމަށެވެ.
އެނގިފައިވާ އިދިކޮޅު ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓަކާމެދު ގޮތެއް ނިންމާނީ މިރޭގެ ލީޑާޝިޕް ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ނިމޭ ގޮތަކުން، މާދަމާ ޕީއެންސީގެ ޓިކެޓް މުއިއްޒު ހުށަހަޅުއްވާނެއެވެ.
މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކަނޑައަޅަން ނިންމަވައިފައެވެ.
އިންތިހާބަށް ވާދަކުރަން ކެންޑިޑެންސީ ފޯމު ހުށަހަޅަން އޮތް ސުންގަޑިއަކީ މާދަމާ މެންދުރު 2:00އެވެ.
ޔާމީނަށް ވާދަ ނުކުރެއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމަށްފަހު ޔާމީން ދެއްވި ނޯޓެއްގައި ވިދާޅުވެފައި ވަނީ ހުކުމާ އެކު، އެ މަނިކުފާނުގެ ހައްގު ނިގުޅައިގެންފައިވާ ކަމަށް ސެނެޓުން ގަބޫލުކުރާ ނަމަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
ނަމަވެސް، އެ އެންގުމާއެކު މިއަދު މެންދުރު އިދިކޮޅު ކޯލިޝަނުން ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ބޮއިކޮޓް ނުކުރުމަށް ނިންމައިފައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ 126 މެމްބަރުންނެވެ. އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 67 މެމްބަރެކެވެ. ޔާމީން އެދިވަޑައިގެންނެވި ގޮތަށް އިންތިހާބު ބޮއިކޮޓް ކުރަން ވޯޓު ދެއްވީ 46 މެންބަރުންނެވެ.