ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެެ.

ފާރިސް މި ކަން އިއުލާން ކުރެއްވީ މިއަދު ޓްވިޓާ މެދުވެރިކޮށް ދެއްވި ވީޑީއޯ މެސެޖެއްގައެވެ.

އޭނާ ވިދާޅުވީ ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން ގައުމު އިސްލާހު ކުރެއްވުމުގެ މަގުސަދުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފައިވާ ކަމަށެވެ.

މި މަހުގެ ދެވަނަ ދުވަހު ފާރިސް ވިދާޅުވީ 1،500 ސޮއި ހަމަވެފައިވާ ކަމަށާއި ކެމްޕެއިނަށް ވޮލެންޓިއަރުން ހޯދަމުންދާ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވުމުން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ފާރިސް ނިސްބަތްވާ އެމްއާރުއެމް އުވާލުމަށް މީގެ ކުރިން ނިންމައިފައެވެ. ފާރިސް އަމިއްލަ ގޮތުން ކުރިމަތިލާން ނިންމީ އެމްއާރުއެމް އުވާލުމުގެ މައްސަލަ މިހާރު ކޯޓު މަރުހަލާގައި އޮތުމުން، ޕާޓީގެ ނަމުގައި ކުރިމަތިލާން ގޮންޖެހުންތަކަކާ ކުރިމަތިވެދާނެތީއެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން އެމްއާރުއެމްއިން ވަނީ ޖުމްހޫރީ ޕާޓީއާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ. އަދި ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދެއްވި ދައުވަތު އެ ޕާޓީން ގަބޫލުކުރައްވައިފައެއް ނުވެއެވެ.