ފަހަތަށް އަރާނެ އެއްވެސް ޕާޓީއެއް ރާއްޖޭގައި ނޯންނާނެކަމަށާއި އެހެން ބޭފުޅުން އޭނާގެ ފަހަތަށް އެރުމަށް ދައުވަތު ދެއްވާކަމަށް އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ދަނގެތީ ދާއިރާގެ މެންބަރުކަން މިހާރު ކުރައްވަވާ ނާޒިމް ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވުމަށް މިއަދު ވަނީ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފައެވެ.

އެ ފޯމް އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރެއްވީ، ކެންޑިޑޭޓް ނާޒިމް އެވެ. އޭނާއާ އެކު ރަނިންމޭޓް، ޑރ. އަޙްމަދު އަދީލް ނަސީރާއި، އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ކެންޑިޑެސީ އިލެކްޝަނަށް ހުށަހެޅުމަށްފަހު ނާޒިމް ވިދާޅުވީ ކޮންމެ ކަމެއް ވެސް އެ ކަމަކަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމުން ކާމިޔާބު ވާނެ ކަމަށެވެ. އަދި ޕާޓީ އުފައްދައިގެން މިހާ ހިސާބަށް ވަރަަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ވިދާޅުވިއެވެ.

"މިއަދާ ހަމައަށް އައި އިރު އަޅުގަނޑުމެންގެ ޕާޓީއަކީ އެންމެ ރަނގަޅަށް ސިޔާސީ ހަރަކާތް ހިންގި ޕާޓީކަން ހަމަ ގައިމު ވެސް ދިވެހި ލޮބުވެތި ރައްޔިތުން އެބަ ގަބޫލުކުރޭ،"

ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ އިއުލާން ކުރެވުނީ ވެސް އޭނާ ކަމަށާއި ރަނިންމޭޓު ވެސް ފުރަތަމަ އިއުލާންކޮށް ތަރުތީބުކަމާއެކު ކަންކަން ކުރިއަށް ގެންދިޔައީ އެމްއެންޕީން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ފޯމު އަނބުރާ ގެންދަވާ އިންތިހާބުގައި އެހެން ބައެއްގެ ފަހަތަށް އަަރަން ނިންމާނެ ހާލަތެއް އަތުވެދާނެތޯ ސުވާލުކުރުމުން ނާޒިމް ވިދާޅުވީ އޭނާ ފަހަތަށް އަރާނެ ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު މި ހުރީ ވަރަށް ސާބިތުކަމާއެކު. އަޅުގަނޑު ފަހަތަށް އަރާނެ ޕާޓީއެއް ދިވެހިރާއްޖެއަކު ނޯންނާނެ. އަޅުގަނޑުގެ ފަހަތަށް މިއަދު ވެސް ދަންނަވަން އޮތީ އެހެން ބޭފުޅުން ވަޑައިގަންނަވާށޭ،" އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި އިންތިހާބާ ދޭތެރޭ އެއްވެސް ޝައްކެތް ނެތް. ﷲގެ އިރާދަފުޅާއެކު ރަނގަޅު ނަތީޖާއެއް ހޯދާ އަޅުގަނޑުމެން މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،"

އެހެން ޕާޓީތަކަށް ދައުވަތު ދެއްވަމުން ނާޒިމް ވިދާޅުވީ، އެމްއެންޕީއާއެކު މަސައްކަތްކޮށް ރަނގަޅު ކާމިޔާބީއަކާ ހަމައަށް ދެވޭނެ ކަމަށެވެ.

ނާޒިމްގެ ރަނިންމޭޓް، އަދީލް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ހުރިހާ ދިވެހީން ވެސް ބަލަން ޖެހޭ އެންމެ މުހިންމުކަމަކީ ގައުމީވަންތަ، ވަތަނީވަންތަ މީހަކު މި އިންތިހާބުގައި ރާއްޖޭގެ ރައީސަކަށް ހޮވުން ކަމަށެެވެ. އަދި އޭނާ ވެސް ބެލި އެންމެ މުހިންމު ކަމަކީ އެއީ ކަމަށް ވިދާޅުވިއެވެ.

އަދީލް ވިދާޅުވީ އޭނާއަށް އެންމެ ވަތަނީ ބޭފުޅަކަށް ފެނުނީ ނާޒިމް ކަމަށާއި މި އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ އެންމެ ބޮޑު ޔަގީންކަމެއް ވެސް އޮތް ކެންޑިޑޭޓަކީ ވެސް ނާޒިމް ކަމަށެވެ.

މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ގިނައިން ފެނިފައި ނުވިޔަސް، ސިޔާސީ ކަންކަމަކީ ކުއްލިއަކަށް ވާ ކަންކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މާ ގިނައިން ސިޔާސީ ކަންކަމުން ނުފެނުނަސް އޭނާއަކީ ސިޔާސީ އެކި ކަންކަމުގައި ވާހަކަ ދައްކާ ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތަކުގައި ވެސް ބައިވެރިވާ މީހެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކީ, މި ފެންވަރުގެ ކަމެއްގައި އައު ކަމަށް ވީ ނަމަވެސް, ދިވެހިރާއްޖޭގެ ސިޔާސީ މަސައްކަތްތަކުގައި އަލަށް ބައިވެރިވާ މީހެއް ނޫން،" އަދީލް ވިދާޅުވިއެވެ.

ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ނާޒިމް ވަނީ ދެ ދައުރެއްގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާގެ ރަނިންމޭޓް ޑރ. އަދީލަކީ ތައުލީމީ ދާއިރާގެ ބެކްގްރައުންޑެއް އޮތް ބޭފުޅެކެވެ. ނަވާރަ ވަނަ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާއަށް އޭނާ އަމިއްލަ ގޮތުން ވާދަ ވެސް ކުރެއްވިއެވެ.