07 Aug 2023, 08:50
މިއަހަރުގެ އޭޕްރިލް މަހުތެރޭ ބަލިވެއިންކަން އިޢުލާނުކުރި އިންޑިއާގެ ބަތަލާ އިލިއާނާ ޑިކްރޫޒްއަށް ފިރިހެން ކުއްޖެއް ލިބިއްޖެއެވެ.
ފިރިހެން ކުއްޖަކު ލިބުނުކަން އިލިއާނާވަނީ އަމިއްލަ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށް ދަރިފުޅުގެ ފޮޓޯއާއެކު ދަރިފުޅުގެ ނަންވެސް ހާމަކޮށްފައެވެ. ދަރިފުޅުގެ ނަމަކީ ކޯއާ ފީނިކްސް ޑޮލަންކަމަށް އިލިއާނާ ބުނެފައިވާއިރު ދަރިފުޅުގެ ނަމުގެ ފަހަތަށް ޑޮލަން އައުމުން ގިނަ ބަޔަކު ތުހުމަތުކޮށްފައިވަނީ ދަރިފުޅުގެ ބައްޕަގެ ނަމަކީ މައިކަލް ޑޮލަންކަމަށެވެ.
ފިލްމު "ބަރުފީ"އިން 2013ވަނަ އަހަރު ހިންދީ ސިނަމާއަށް ތަޢާރަފްވި ޕޯޗުގީޒް ބަތަލާއަކީ ސައުތު ސިނަމާގެ ފިލްމުތަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އިލިއާނާ ބަލިވެއިން ޚަބަރު އިއުލާނުކުރުމާއެކު ގިނަ ބަޔަކުވަނީ ދަރިފުޅުގެ ބައްޕައަކީ ކާކުތޯ ސުވާލު އުފައްދާފައެވެ.
އޭގެ ދުވަސްކޮޅެއްފަހުން ބަތަލާވަނީ ލޯބިވެރިޔާއާއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑީއާ މެދުވެރިކޮށް އާއްމުންނާ ހިއްސަކޮށްފައެވެ. އެހެންނަމަވެސް ބައިވެރިޔާއާބެހޭ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ. މީގެކުރިން ބަތަލާ ކެޓްރީނާ ކައިފްގެ ބޭބެ ސަބޭސްޓިއަންއާ އިލިއާނާ ލޯބީގެގޮތުން ގުޅިގެން އުޅުނުކަމުގެ އަޑުތަކެއް އެރިނަމަވެސް ބަތަލާ އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި ފަހުން ދަރިފުޅުގެ ބައްޕަގެގޮތުގައި ސަޕޯޓަރުންނަށް ތަޢާރަފްކޮށްދިން ޑޮލަންއަކީ ކެޓްރީނާގެ އާއިލާއާ ގުޅުން އޮންނަ ފަރާތެއްތޯ ނުވަތަ ނޫންތޯވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަބަދުވެސް ޒާތީ ދިރިއުޅުމުގެ ކަންކަން ހާމަކުރަން ބޭނުންނުވާ ބަތަލާ މިއަހަރުގެ މޭ މަހުގެތެރޭ ދަރިފުޅުގެ ބައްޕަ މައިކަލް ޑޯލަންއާ ކައިވެނިކުރިމަށް ބެލެވޭކަމަށްވެސް ރިޕޯޓުތަކުންވަނީ ބުނެފައެވެ.
އިލިއާނާ މަންމައަކަށްވި ޚަބަރާއެކު ސަޕޯޓަރުންގެ އިތުރުން ފިލްމީ ދާއިރާއަށް ނިސްބަތްވާ ގިނަބަޔަކުވަނީ ބަތަލާއަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. މަންމައަކަށް ވުމުގެ އުފާ ފާޅުކުރަމުން ބަތަލާ ބުނެފައިވަނީ މިއީ ދިރިއުޅުމުގައި މިހާތަނަށް ލިބުނު އެންމެބޮޑު އުފާކަމަށެވެ.
އިލިއާނާ އެންމެފަހުން ފެނިފައިވަނީ އެކްޓަރު އަބިޝެކް ކަޕޫރާއެކު 2021ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ބިގް ބުލް"އިންނެވެ. އިލިއާނާ ސޮއިކޮށްފައިވާ ދެ ފިލްމެއް ބަތަލާގެ އަތުގައިއޮތްއިރު އޭގެތެރެއިން "އަންފެއަ އެންޑް ލަވްލީ"ގެ ނަމުގައި އުފައްދާ ފިލްމުގެ މަސައްކަތްވަނީ ނިމިފައެވެ.