06 May 2012, 16:08
ވޮޝިންގޓަން (މޭ 6): އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރިޔާސީ ދެ ވަނަ ދައުރަކަށް ކޭމްޕޭން ފައްޓަވައިފި އެވެ. "ފޯރވާޑް"ގެ ޝިޢާރުގެ ދަށުން އޮބާމާ ކެމްޕޭން ފެއްޓެވީ އޮހާޔޯއާއި ވަރޖީނިޔާއިންނެވެ.
ކެމްޕޭން ފެއްޓެވުމުގެ ގޮތުން އޮބާމާ، އޮހާޔޯގައި ދެއްވި ފޯރިގަދަ ޚިތާބުގައި އޭނާގެ އިދިކޮޅު ވާދަވެރިޔާ މިޓްރުމްނީއަކީ ކޮންގްރެސްގައި ހިމެނޭ ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ހަރުކަށި ޚިޔާލުގެ ހައްދުފަހަނަޅާފައިވާ ފިކުރުތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ ދަލުގައިޖެހިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ސިފަކުރެއްވި އެވެ. ރުމްނީ އަށް ބަހުގެ ޙަމަލާ ދެއްވަމުން އޭނާއަކީ ރިޕަބްލިކަނުންގެ ހައްދުފަހަނަޅާފައިވާ ނާކާމިޔާބު ފިކުރުތަކުގެ ކޮޕީއެއްކަމަށް ވެސް އޮބާމާ ވިދާޅުވި އެވެ.
އޮބާމާ އޭނާގެ ވެރިކަމަށް ތަޢްރީފްކުރައްވަމުން ވިދާޅުވީ އޭނާގެ ވެރިކަމުގައި އެމެރިކާ އަމާން ބަނދަރަކަށް ގެންގޮސްފައިވާނެ ކަމަށާއި ދުނިޔޭގައި އެމެރިކާގެ ޤަދަރާއި ހައިބަތު ބޮޑުކޮށް އެމެރިކާގެ ސޫރަ ރަނގަނޅުކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމުގަ އެވެ. އިޤްތިސާދީ ސިޔާސަތު ދިފާޢު ކުރައްވަމުން އޮބާމާ ވިދާޅުވީ އޭނާގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ މުއްސަނދިންނާއި ފަގީރުންނާ އަދި މެދުފަންތީގެ މީހުންނަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާ ކަމުގަ އެވެ.
އޮބާމާ ވަނީ އޭނާގެ ކެމްޕޭނަށް ޚަރަދުކުރާނެ ފައިސާ ހޯދުމަށްޓަކައި ފާއިތުވި ދެ ތިން މަސް ދުވަހުގެ ތެރޭގައި 120 ޙަފްލާއަށް ވަޑައިގެން 86 މިލިޔަން ޑޮލަރު ޖަމާކުރައްވާފަ އެވެ. އޮބާމާގެ ވާދަވެރިޔާ މިޓްރުމްނީ އަށް މިމުއްދަތުގައި ޖަމާކުރެވުނީ އެންމެ 18 މިލިޔަން އެމެރިކާ ޑޮލަރެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އެވެ. (ރޮއިޓާސް)