06 Aug 2023, 18:09
އެމްއެންޔޫގެ މިއަހަރުގެ އޮގަސްޓް އިންޓޭކަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.
އެ ޔުނިވާސިޓީން މިއަދު ބުނީ، ޑިޕްލޮމާއިން މަތީ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 17ވަނަ ދުވަހަށް ކަމަށެވެ.
މީގެ އިތުރުން، ސެޓްފިކެޓް ލެވެލް ތިނަކުން ދަށުގެ ކޯސްތަކަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 24ވަނަ ދުވަހެވެ.
އެ ޔުނިވާސިޓީގައި، ބިޒްނަސް މެނޭޖްމަންޓް، އެޑިއުކޭޝަން އެންޑް ޓެކްނޮލަޖީ، އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ، ހެލްތް ސައިންސެސް، ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް އަދި މެރިޓައިމް ގެ ކޯސްތަކުގެ އިތުރުން، މެޑިސިން އަދި ނާސިންގެ ކޯސްތަކާއި ޝަރީއާ އިން ލޯ ގެ ކޯސްތައް ކުރިއަށް ގެންދެއެވެ.
މޮޑިއުލް ތަކަށް ރަޖިސްޓްރީ ކުރުން މިއަދު ފަށާއިރު، ރަޖިސްޓަރީ ވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 10ވަނަ ދުވަހެވެ.
މިއަހަރުގެ އޮގަސްޓް އިންޓޭކްގެ ކިޔެވުން ފެށޭނީ މިމަހުގެ 13ވަނަ ދުވަހެވެ.
އޮގަސްޓް އިންޓޭކްގެ ދަރިވަރުންނަށް މިއަދު އޮރިއެންޓޭޝަން ސެޝަނެއް ވަނީ ބާއްވާފައެވެ. އެމްއެންޔޫގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައި ދެވަނަ ޓާމުގެ "ރަޖިސްޓްރޭޝަން ޑޭ" ވެސް މިއަދު ކުރިއަށް ދިޔައެވެ.