ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ، ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، އިލްޔާސް ލަބީބުގެ ކެންޑިޑެސީ, އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް އައްޔަން ކޮށްފައިވަނީ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

ކެންޑިޑެސީ ފޯމް ހުށަހެޅުމަށް އިލްޔާސް ވަޑައިގަތީ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންނާއި ސަޕޯޓަރުންނާއެކުއެވެ.

އިލްޔާސްގެ ކެންޑިޑެސީ ހުށަހެޅުން-- ފޮޓޯ: ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ރައީސް މުޙައްމަދު ނަޝީދަށް ނާކާމިޔާބު ވުމާއެކު އުފެއްދި ޕާޓީއެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ގިނަ ކެންޑިޑޭޓުން އަންނަނީ ފޯމް ހުށަހަޅުއްވަމުންނެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވެސް މިއަދު ވަނީ ފޯމް ހުށަހަޅުއްވައިފައެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފައިވާއިރު އިންތިޚާބު ބޮއިކޮޓް ކުރެއްވުމަށް ރައީސް ޔާމީން ވަނީ އަންގަވައިފައެވެ. އެއާއެކު އެޕާޓީގެ ސެނެޓް ވަނީ ހޫނުވެފައެވެ.