06 Aug 2023, 14:26
އެ މަނިކުފާނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމުން ރިޔާސީ އިންތިޚާބު ބޮއިކޮޓު ކުރަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެންގެވި ގޮތަށް، އިންތިޚާބު ބޮއިކޮޓު ކުރުމާ މެދު ވޯޓަށް އަހަން އުޅުމުން އެ ޕާޓީގެ ސެނެޓު ބައްދަލުވުން ހޫނުވެ، މެދުކަނޑާލައިފިއެވެ.
ވ. އާރަށު މައްސަލައިގައި މިދިޔަ ޑިސެމްބަރު 25 ގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން، އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ނިންމައިފައެވެ.
އެކަމަކު، އެ ހުކުމް އިސްތިއުނާފު ކޮށްފައި އޮތުމުން، ނިހާއީ ހުކުމެއް ނެތް ހާލަތުގައި އެ މަނިކުފާނަށް ވާދަ ކުރެއްވެން ވާނެކަމަށް ގަބޫލުކޮށް، ޔާމީންގެ ފަރާތްޕުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދީއެވެ. އެ މައްސަލަ އެ ކޯޓުގައި ބެއްލެވި ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އީސީން ނިންމީ ރަނގަޅަށް ކަމަށެވެ. އަދި، ނިހާއީ ހުކުމެއް ނެތް ނަމަވެސް، މަތީ މަރުހަލާ ކޯޓަކުން ކުރީގެ ހުކުމް ބާތިލު ނުކުރާނަމަ، އެ ހުކުމް ދެމިއޮންނާނެ ކަމަށެވެ. އެހެންވެ، ޔާމީނަށް ވާދަ ކުރެއްވެން އޮތް އެންމެ ފަހު ދޮރު ވެސް ވަނީ ބަންދުވެފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ވަނީ ދެން އިންތިޚާބުގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ކުއްލި ބައްދަލުވުމަކަށް ގޮވައިފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ އިންތިޚާބު ބޮއިކޮޓު ކުރަން ޔާމީން އެންގެވި އެންގެވުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އެހެންވެ، އިންތިޚާބު ބޮއިކޮޓު ކުރުމާ ގުޅޭ ގޮތުން 1:30 ގައި ވަނީ ސެނެޓުގައި ވޯޓަށް އަހަން އުޅުމުން، ޕީޕީއެމް އޮފީސް ތެރޭގައި ވަނީ ހޫނުވެފައެވެ.
އެންގިފައިވާ ގޮތުގައި ޕީޕީއެމުން ސެނެޓުގެ ވޯޓަށް އަހަން އުޅުނު އިރުގައި ސެނެޓު މެންބަރުންގެ އިތުރުން، އާންމު ބައެއް މެންބަރުން ވެސް ޕީޕީއެމް އޮފީސް ތެރޭގައި ތިއްބެވެ. އެހެންވެ، ޕީޕީއެމް އެތެރެ ހޫނުވެފައިވަނީ ވޯޓަށް އަހަން، އާންމު މެންބަރުން ނުކުންނަން އެންގުމުންނެވެ.
ޕީޕީއެމް އޮފީސް ތެރެ ހޫނުވުމުގެ ސަބަބުން، ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޔާމީނަށް ވާދަ ނުކުރެއްވިދާނެ ހާލަތަކަށް ބަލައި، ޕީއެންސީގެ ސެނެޓުން ވަނީ އިންތިޚާބުގައި ވާދަކުރަން ނިންމައިފައެވެ. އަދި، އެ މަނިކުފާނަށް ވާދަ ނުކުރެވޭ ހާލަތެއްގައި ވާދަކުރައްވަން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ޓިކެޓު ދޭން އެ ޕާޓީގެ ސެނެޓުން ވަނީ ނިންމައިފައެވެ.
އެކަމަކު، ޕީޕީއެމުން ފަހުން ބުނެފައިވަނީ އެ ޕާޓީން ކެންޑިޑޭޓަކު ނެރެން ބޭނުންވާ ކަމަށެވެ. އަދި، ޔާމީން ނެތް ހާލަތެއްގައި މުއިއްޒަށް ތާއީދު ކުރަން އެ ޕާޓީން ނުނިންމާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ލީޑާޝިޕުން ބޭނުން ވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް އިންތިޚާބަށް ނެރޭށެވެ. ސުޕްރީމް ކޯޓުން ޔާމީންގެ ހުކުމް ލަސްވެދާނެ ކަމަށް ބަލައި، ޔާމީން ހުށަހެޅުއްވި މައްސަލައިގައި ވެސް ވަނީ ޕީޕީއެމުން އިތުރު ކެންޑިޑޭޓެއް ނެރެން ފުރުސަތު ދެއްވަން އެދިވަޑައިގެންފައެވެ.