06 May 2012, 15:59
ވޮޝިންގޓަން (މޭ 6): ސެޕްޓެމްބަރު11ގެ ހަމަލާތައް ރޭވިކަމުގެ ތުހުމަތު ކުރެވިފައިވާ ފަސް މީހުންގެ މައްޗަށް އެމެރިކާ ސަރުކާރުން ރަސްމީކޮށް މިއަދު ދައުވާއުފުލައިފި އެވެ.
ގުއަންޓަނާމޯގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޝަރީއަތުގައި، ޚާލިދު ޝައިޚް މުހައްމަދާއި އިތުރު ހަތަރު މީހެއްގެ މައްޗަށް މީހުން މެރުމާއި ޓެރަރިޒަމް ހިންގުމުގެ ދަޢްވާއުފުލާފައިވެ އެވެ. އަދި މަތިންދާބޯޓު ހައިޖެކްކޮށްގެން ތަންތަނަށް ޙަމަލާދިނުމަށް އެ ބޯޓުތައް ބޭނުންކުރުމުގެ އިތުރުން ހަނގުރާމައިގެ ގާނޫނާ ޚިލާފްވުމުގެ ދައުވާ ވެސް އެ ފަސް މީހުންގެ މައްޗަށް އުފުލާފައިވެ އެވެ.
އެމެރިކާގެ ޢަސްކަރީ މަރުކަޒެއްގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިޝަރީޢަތުގެ އިންސާފުވެރިކަމާ މެދު ދަޢްވާ ލިބޭ ފަސް މީހުންނާއި އެ ނޫން ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ސުވާލު އުފައްދާފަ އެވެ. މިދަޢްވާއަކީ އެމެރިކާ ކުޅޭ ޑްރާމާއެއްކަމަށާއި ކޮންމެ ގޮތަކަށް ޝަރީއަތް ނިމުނު ކަމުގައި ވިޔަސް އެމެރިކާގެ މަރުގެ އަދަބުން ސަލާމަތްނުވާނެ ކަމަށް މި ފަސް މީހުން ބުނެ އެވެ.
ސެޕްޓެމްބަރު 11ގެ ހަމަލާތަކުގައި އެމެރިކާގެ ތިން ހާހަކަށް މީހުން މަރުވެފައިވާ އިރު މިކުށް އެއްވެސް މީހެއްގެ މައްޗަށް ސާބިތުވެފައެއްނުވެ އެވެ. ނަމަވެސް އެކަމާ ގުޅުވައިގެން ބަދަލުހިފުމުގެ ގޮތުން އަފްޣާނިސްތާނުގަ އާއި އެނޫން އިސްލާމީ ޤައުމުތަކަށް އެމެރިކާ ދިން ޙަމަލާތަކާއި ހިންގި އުދުވާނީ ޙަމަލާތަކުގައި އެމެރިކާ ވަނީ ލައްކައިން މީހުން މަރައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގާފަ އެވެ. މިޖަރީމާތަކުގެ ފަހަތުގައިވާ އެމެރިކާގެ އެއްވެސް ވެރިއަކު އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް އެއިން ބޭފުޅެއްގެ މައްޗަށް ޝަރީޢަތް ހިންގިފައެއްނުވެ އެވެ. (ނޫސްއެޖެންސީތައް)