މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދިނުން އެދި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމް، ދިވެހި ރައްޔިތުންގެ އަރިހުގައި އާދޭސް ދަންނަވައިފިއެވެ.

މިއަދު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ 2008ކުން ފެށިގެން ވެރިން އިިންތިޚާބު ކުރުމުގައި ދިވެހި ރައްޔިތުން ވިސްނަމުން އައީ އަބަދުވެސް އެންމެ ރަނގަޅަށް ކަމަށެވެ.

އަދި، އެއިން ކޮންމެ ފަހަރެއްގައި ވެސް "ދިވެހި ރައްޔިތުންނަށް" ކާމިޔާބު ލިބުނީ ޖުމްހޫރީ ޕާޓީގެ "އާދޭސް ދެންނެވުން" އަޑުއަހައިގެން ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އާދޭސް ދަންނަވާލާ ހިތްވަނީ ކޮންކަމަކާތޯ؟ މި ދިވެހި ގައުމު އޮތް ހާލަތުން ކުރިއަށް ދިޔުމަށްޓަކައި، އަޅުގަނޑުމެން އިގްތިސާދީ، އިޖްތިމާއީ ކަންތައްތައް ރަނގަޅުކޮށް ނަގަހައްޓާ، ބޭނުންވާ އޮކްސިޖަން ދެއްވާށޭ" އޭނާ ވިދާޅުވިއެވެ

ގާސިމް ވިދާޅުވި ގޮތުގައި އެ "އޮކްސިޖަނަކީ" ގައުމުގެ މިނިިވަންކަމާއި، އިސްތިގުލާލު ދެމެހެއްޓުމެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިި ވަނީ ޑރ. މަހްމޫދު ޝައުގީ އެ ޕާޓީއަށް ސޮއި ކުރައްވާފައެވެ.

ޑރ. ޝައުގީއަކީ ޖޭޕީގެ ހަރަކާތްތަކުގައި މީގެ ކުރިން ވެސް އިސްވެ ހަރަކާތްތެރިވާ ގާސިމްގެ ވަރަށް އަރިސް ބޭފުޅެކެވެ. ގާސިމް ވަނީ އޭނާ، އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ.

ޖުމްހޫރީ ޕާޓީން ގާސިމް އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވީ ނަމަވެސް، މިހާތަނަށް އެ ޕާޓީން ރަނިންމޭޓަކު ނެރެފައެއް ނުވެއެވެ. ގާސިމްގެ ކެންޑިޑެސީ ފޯމު ހުށަހެޅުން އޮންނާނީ މާދަމާ ކަމަށް އެ ޕާޓީން ބުނެއެވެ.