ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ނުވިއްކާނެކަން މެންޗެސްޓާ ސިޓީން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އަށް އަންގައިފިއެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ކުރިއަށްދާ ޓްރާންސްފާގައި ބެނާޑޯ ސިލްވާ ނުވިއްކާނެކަން ސިޓީން ރަސްމީކޮށް ޕީއެސްޖީއަށް ވަނީ އަންގައިފައެވެ. އަދި ސިޓީން މިހާރު މަސައްކަތްކުރަމުންދަނީ ބެލާޑޯ ސިލްވާގެ ކޮންޓްރެކްޓް އާކުރުމަށް ކަމަށް ފަބްރީޒިއޯ ރިޕޯޓުކޮށްފައިވެއެވެ.

ބެލާޑޯ ސިލްވާ ހޯދުމަށް ޕީއެސްޖީ އާއި ބާސެލޯނާ އިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ސިޓީއާއެކު ބެނާޑޯ ސިލްވާ ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ ދެ އަހަރު ދުވަހުގެ މުއްދަތެއް އޮތް އިރު، އެ ކްލަބުން ބޭނުންވަނީ ހިލޭ ޓްރާންސްފާއަކަށް ދޫކޮށްލުމުގެ ބަދަލުގައި މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓުތައް އާކުރުމަށެވެ.

ކުޅުންތެރިންނަށް ރަނގަޅު ހުށަހެޅުމެއް އައިސްފި ނަމަ، ވިއްކުމާ މެދު ވިސްނާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ބުނެފައިވާ އިރު، ޕީއެސްޖީން ބެނާޑޯ ސިލްވާ ހޯދުމަށް ބިޑްކޮށްފައިވަނީ ބަދަލުގައި ސިޓީއަށް އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ އާއި އިޓަލީ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ދޭ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސިޓީން ކޮމިއުނިޓީ ޝީލްޑްގައި މިއަދު އާސެނަލާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 8:00 ގައެވެ.