06 May 2012, 15:40
ލ. ކުނަހަންދު އަށް ވަރަށް ބޮޑަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް އެ ރަށުން ބުނެފި އެވެ.
ކުނަހަންދޫ ކައުންސިލް މެންބަރު ލިރުގާމް ސައީދު (ލަރޭ) ވިދާޅުވީ އެ ރަށަށް އިއްޔެ އާއި މިއަދު ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމަށާއި އޭގެ ސަބަބުން އާންމުން އުޅޭ ގެތަކަށާއި ދަނޑުތަކަށް ލޮނުއަރައި އަގު ނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"މީގައި ދަނޑު ބިންތަކަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއްވޭ. ވަރަށް ގިނަ އަދަދަކަށް ކަރާ، މިރުސް އިންދާފައިވާ ހުރި ދަނޑުތަކަށް އޭގެ އަސަރު ފޯރަމުންދޭ. ދެން މީހުން އުޅޭ މި ސަރަހައްދުގައި ހުރި ގޭގެ އަށް ވެސް ލޮނު ވަންނަމުން އެބަދޭ." ލަރޭ ވިދާޅުވި އެވެ.
އަދި އާންމުނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އުދަ އެރުމުގެ ސަބަބުން، މީހުންނަށް ލިބޭ ގެއްލުތައް އެއްކޮށް ނައްތާލުމުގައި ހުރަސްތަކެއް ހުރި ކަމަށް ހުރި ކަމަށް ލަރޭ ވިދާޅުވީ އެވެ.
"ކައުންސިލް މަސައްކަތްތަކެއް ކުރަމުންދޭ އެބަދޭ. މިކަން ހައްލެއް ނުކުރެވޭނެ. މިކަން ހައްލު ކުރަންވެއްޖިއްޔާ އެބަ ބޭނުންވޭ ހައިމާކަކާއި އެއްޗެހި. ރަށް ތިރިކޮށް އޮންނަ ދިމާލަށް ފަސް ފުނި ޖަހައިގެން ނޫނީ މިކަން ކޮންޓްރޯލެއް ނުކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
ގދ. އަތޮޅު ތިނަދު އަށް ވެސް އުދައަރަމުން އަންނަ ކަމަށް އެ ރަށުން ބުންޏެވެ،
މީޓްރޮލޮޖިކަލް ސެންޓަރު (މެޓް) އިން ބުނީ މި ދުވަސް ވަރަކީ ރާއްޖޭގެ އެކި ސަރަހައްދަށް އާންމުކޮށް އުދައަރާ ދުވަސް ވަރެއް ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދާ ކަމަށެވެ.