ރައީސް މުޙައްމަދު ނަޝީދުގެ ޕާޓީ، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހަމަޖައްސައިފިއެވެ.

އެ ޕާޓީއިން ދެންމެ ހާމަކުރި ގޮތުގައި އެ ބޭފުޅުންގެ ކެންޑިޑެސީ މިއަދު 1:00 ގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާނެއެވެ.

އިލްޔާސްގެ ރަނިންމޭޓަކަށް އަމްރު ހަމަޖެއްސިއިރު އެ ފުރުސަތު އެހެން ޕާޓީއެއްގެ ބޭފުޅަކަށް ދިނުމަށް ރައީސް ނަޝީދު ވަރަށް މަސައްކަތް ކުރެއްވިއެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްއިން ވާދަ ކުރަން މަސައްކަތް ކުރިއެވެ.

ރަނިންމޭޓަކަށް ހަމަޖެއްސި އަމްރު މި ފަހަކާ ޖެހެންދެން ހުންނެވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަމްރު މަގާމުން ވަކިކުރީ ސަރުކާރާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވާން ފެށުމުންނެވެ. މަގާމުން ވަކިކުރުމާއެކު އަމްރު ސަރުކާރާ ދެކޮޅަށް ކުރަމުން އައި މަސައްކަތްތައް އިތުރު ކުރިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރާ ގިނަ ކެންޑިޑޭޓުން މިހާރު ވަނީ އެ ބޭފުޅުންގެ ރަނިންމޭޓުން އިއުލާން ކޮށްފައެވެ. ރައީސް ޞާލިޙްގެ ރަނިންމޭޓަކަށް އެމްޑީޕީ ޕީޖީ ގުރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ހަމަޖެއްސިއިރު އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމްގެ ރަނިންމޭޓަކަށް ހަމަޖެއްސީ ޑރ. އަޙްމަދު އަދީލް ނަސީރެވެ. ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުގެ ރަނިންމޭޓަކަށް ހަމަޖެއްސީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އުމަރު ނަސީރުގެ އިތުރުން އެމްއާރުއެމްގެ ކެންޑިޑޭޓް ފާރިސް މައުމޫން މިހާތަނަށް ރަނިންމޭޓް އިއުލާން ކޮށްފައެއް ނުވެއެވެ.