ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އިން ނުކުންނަވާ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްގެ ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިއަދު ނާޒިމްގެ ފޯމް ހުށަހެޅުއްވީ، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފޯމް ހުށަހެޅިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

އެ ފޯމް އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރެއްވީ، ކެންޑިޑޭޓް ނާޒިމް އެވެ. އޭނާއާ އެކު ރަނިންމޭޓް، ޑރ. އަޙްމަދު އަދީލް ނަސީރާއި، އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ސިފައިންގެއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ނާޒިމް ވަނީ ދެ ދައުރެއްގައި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާގެ ރަނިންމޭޓް ޑރ. އަދީލަކީ ތައުލީމީ ދާއިރާގެ ބެކްގްރައުންޑެއް އޮތް ބޭފުޅެކެވެ. ނަވާރަ ވަނަ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާއަށް އޭނާ އަމިއްލަ ގޮތުން ވާދަ ވެސް ކުރެއްވިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް މީގެ ކުރިން ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ފޯމު ހުށަހެޅުއްވިއެވެ. ނަމަވެސް، އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިގެން ވެސް އެމަނިކުފާނަށް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އޭގެ އިތުރުން އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާނުކޮށްފައިވަނީ، ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް، ޑިމޮކްރެޓްސްގެ ފަރާތުން، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، އެމްއާރްއެމްގެ ރައީސް އަޙްމަދު ފާރިސް މައުމޫން އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.