Last Updated:
2 year 4 month ago

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް އިއްވުން

    ބުލޮގު ޚުލާސާ

    ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ނިންމުމުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. މިހާރު ކުރިއަށްދަނީ އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.

    10:42

    އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހުކުމް އިއްވަވައިފި. ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށް ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށް އެމަނިކުފާނުގެ ހުކުމުގައި ވަނީ އިއްވަވާފަ.

    10:41

    ހުސްނުއްސުއޫދުގެ ރައުޔަށް ބާކީ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފަ

    10:40

    ރައުޔު ނިންމަވާލައްވަމުން ހުސްނުއްސުއޫދު ވިދާޅުވީ އީސީގެ ނިންމުނަށް ތާއިދު ކުރައްވާ ކަމަށް.

    10:35

    ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ، ޔާމީންގެ ކުށުގެ ރެކޯޑަށް ބެލުމުން، 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންދާކަން އެނގެން އޮތުމުން ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ.ގައިވާ ގޮތުގެ މަތިން އެމަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަނެވޭނެ ކަމަށް އީސީން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް.

    10:34

    10:28
    ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވުން ---
    10:21

    ޔާމީންގެ ފަރާތްޕުޅުން ވަނީ، ކެންޑިޑެސީއަށް ކުރިމަތިނުލެވޭނެ ސަބަބުތަކުގެ ތެރޭގައި 'ހުކުމެއް ކުރެވިފައިވާ' ބަހުގެ މާނައާ ބެހޭ ގޮތުން ބަހުސް އުފެދޭ ކަމަށް ބުނެފަ. އެގޮތުން ދަށު ކޯޓުން ހުކުމްކޮށްފައި އޮތް ނަމަވެސް، އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު އޮތް ނަމަ އެ މާއްދާ މާނަ ކުރާއިރު، ކެންޑިޑެސީއަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެފައިވޭ

    10:15

    ހުސްނުއްސުއޫދު ދެން އިއްވަވާނީ، ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ.ގައި ބަޔާންކުރާ ޝަރުތާ ގުޅުވައި އީސީން ޔާމީނަށް ކެންޑިޑެސީ ނުދޭން ނިންމާފައި ވާތީ އެކަމާ ބެހޭ ގޮތުން އެމަނިކުފާނުގެ ރައުޔު. އެ މާއްދާގެ ޅ. ގައި ބުނެފައިވަނީ، ރައީސް ކަމަށް ކުރިމަތިލާ މީހަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކު ކަމުގައިވާން ޖެހޭނެ ކަމަށް.

    10:14

    ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވަވަމުން ވިދާޅުވީ، ރައީސް ޔާމީން ދައްކަވަން ޖެހޭ ޖޫރިމަނާ ދައްކަވާފައި ނުވާތީ އެއީ ސާބިތު ދަރަންޏެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް

    10:11

    އެ މައްސަލަ ބައްލަވަނީ ސުޕްރީމް ހަތް ފަނޑިޔާރުންގެ ބެންޗުން. އެއީ:

    އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

    ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު

    ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު

    ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު

    ފަނޑިޔާރު ޙުސްނުއް ސުޢޫދު

    ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން

    ފަނޑިޔާރު މުޙައްމަދު އިބްރާހީމް

    10:09

    ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން މިހާރު ފަށައިގެން ކުރިއަށްދަނީ