ޕީއެންސީގެ ސެނެޓު އެއްވެ، ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނެ ގޮތެއް ނުވެއްޖެނަމަ ދެން ހަދާނެ ގޮތަކާ މެދު މަޝްވަރާކޮށް ނިންމާލީ ވަރަށް ސީރިއަސްކޮށެވެ. އިންތިހާބު ބާއްވާ، ކެންޑިޑޭޑަކު ނެގި އިރުވެސް މިއީ މާނައެއް ނެތް "ޕްލޭން ސީ" އެއް ކަމުގެ އެއްވެސް އިޝާރާތެއް ނެތެވެ.

އެކަން ކުރީ ސީދާ އިދިކޮޅު ލީޑަރު ރައީސް ޔާމީން އެންގެވުމުގެ މަތިންނެވެ. އެކަން ސެނެޓަރުންނަށް ވެސް އޮތީ އަންގާފައެވެ. ޕީޕީއެމްގެ ލީޑާޝިޕްގެ މެންބަރުން "އޮބްޒާވަރުންގެ" ގޮތުގައި އޮފީސްތެރޭގައި އުޅުނުއިރު ވެސް އެ ނޫން މަންޒަރެއް ނުދައްކައެވެ.

އިންތިހާބު ނިމުމާއެކު، އެއީ އެ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓް ނުދިނުމަށްޓަކައި ކުރި ކަމެއް ކަމަށް އަޑު ފެތުރުނެވެ. އެއަށް އިތުރު ބާރެއް ލިބުނީ އަނެއް ދުވަހު، ރައީސް ޔާމީންގެ ކެންޑިޑެސީގެ މައްސަލައިގެ ޝަރީއަތުގައި، ޕީޕީއެމްގެ އިސްބޭފުޅުން ވިދާޅުވި ވާހަކަތަކުންނެވެ.

ރައީސް ޔާމީންގެ އަޑުއެހުމަށް ވަނުމަށް އެމަނިކުފާންގެ ސަޕޯޓަރުން ކިޔޫ ހަދައިފައި-- ސަން ފޮޓޯ: މާހިލް އާތިފް

އެބޭފުޅުން ވިދާޅުވީ ރައީސް ޔާމީން ނެތް ހާލަތުގައި ޕީޕީއެމުން އަދި އިތުރު ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ. އަދި، ޕީއެންސީގެ ކެންޑިޑޭޓަކީ "ވޯސްޓް ކޭސް"ގައި ނުކުންނާނެ މީހާ ކަމަށެވެ.

އެއާއެކު، އިދިކޮޅުގެ ސެނެޓުގައި ތިއްބެވި، އެ އިންތިހާބުން ޑރ. މުއިއްޒުއަށް ލިބުނު ކާމިޔާބީއާ މެދު ހިތްހަމަޖެހިގެން ތިބި އެތައް މެންބަރުންނެއް ނުކުމެ، ނުރުހުން ފާޅުކުރަމުން ދިޔައެވެ. މުޅި ސެނެޓު އެއްކޮށް ކުޅުނީ ބޭކާރު ޑްރާމާއެއް ކަމަށް ގަބޫލުކުރަން ދަތިވީއެވެ.

މިއީ ކުޅިވަރެއްނޫން! އެހެން ނުހެދޭނެ!

ޕީޕީއެމްގެ "ޕްލޭން ބީ"އާ ބެހޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ހޮވުމަށް މަސައްކަތް ކުރެއްވި ސެނެޓަރުން ވިދާޅުވާ ވާހަކައަކީ މިއީއެވެ؛ ސެނެޓު އެއްކޮށް، ވޯޓެއް ނަގައި، ކެންޑިޑޭޓަކު ހޮވުމަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. ދެން އެ ނިންމުން ބަދަލުކުރާކަށް ހަމަ ލާހިކެއް ނޫނެވެ.

"ވަރަށް ތަފްސީީލުކޮށް ރައީސް ޔާމީން ފޮނުއްވާފައި އޮތް ނޯޓެއްގައި އޮންނަނީ، އެއްވެސް ހާލަތެއް މެދުވެރިވެގެން ރައީސް ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތެއް ދިމާވެއްޖެއްޔާ ޕީއެންސީގެ ކެންޑިޑޭޓެއް ނެރޭށޭ" އިދިކޮޅުގެ މާފަންނު ހުޅަނގު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ރައީސް، އަހްމަދު ރަޝީދު ވިދާޅުވިއެވެ.

ޕީޕީއެމް އޮފީހުގައި ކުރިޔަށް ދިޔަ ޕީއެންސީގެ ސެނެޓު ބައްދަލުވުން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އޭނާ ވިދާޅުވާ ގޮތުގައި ޕީޕީއެމްގެ ކެންޑިޑޭޓްގެ މަގާމު ރައީސް ޔާމީން ނޫން އެެހެން މީހަކަށް ދިނުމަކީ ސީދާ ބަގާވާތެކެވެ.

ސެނެޓުގެ ކެލާ ދާއިރާގެ ރައީސް، ހުސައިން ޝިފާޒް ވެސް ޕީޕީއެމްގެ "ޕްލޭން ބީ" ސިފަ ކުރައްވަނީ ބަގާވާތެއްގެ ގޮތުގައެވެ.

"ޕާޓީގެ މަޝްވަރާ މަޖިލީހުން އަޅުގަނޑުމެން ނިންމާފައި އެއޮތީ، ރައީސް ޔާމީނަށް އެއްވެސް ހާލަތެއްގައި ކުރިމަތި ނުލެއްވޭ ގޮތެއް ވެއްޖެ ނަމަ، ކެންޑިޑޭޓަކަށް ވާނީ މޭޔަރު މުއިއްޒު. އެ ނޫން ގޮތެއް ނޯންނާނެ!"،

"މިއީ ކުޅޭކުޅޭ އެއްޗެއް ނޫން!، ބަގާވާތަކަށް ފުރުސަތު ނުދޭނަން" އޭނާ ވިދާޅުވިއެވެ.

މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ސެނެޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވަނީ މި އޮތް ހުރިހާ ދުވަހަކު އެކައްޗެއްގެ ގޮތުގައި، އެއް ލީޑަރެއްގެ ދަށުން މަސައްކަތް ކުރި ދެ ޕާޓީ ކުއްލިއަކަށް ވަކިން މަސައްކަތް ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ޕީޕީއެމްއާ ޕީއެންސީ އަކީ އެކައްޗެއް. މިހާތަނަށް އެކައްޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައި، ޕީއެންސީން ކެންޑިޑޭޓަކު ނެރެފައި ދެން އަނެއްކާ ޕީޕީއެމުން ކެންޑިޑޭޓަކު ނެރޭ ވާހަކަދެއްކީމައި އަޅުގަނޑު [ހިތްހަމަނުޖެހުނީ]. އަޅުގަނޑު ގަބޫލެއް ނުކުރަން ޕީޕީއެމަށް [ކެންޑިޑޭޓަކު] ނެރެވިދާނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ އެ ޕާޓީއަށް އެންމެ ދަތިވި ވަގުތު އެންމެ ބުރަކޮށް މަސައްކަތް ކުރި މީހުން ބޮލާލާ ޖެހުމަށްފަހު، މާފަހުން އައި ބަޔެއްގެ ބަސް ގަދަވެގެން ނުވާނެ ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިހާބާ އެހެނިހެން މަސައްކަތްތައް ކުރި އިރު ތިޔަ ބުނާ ބޮޑެތި ބޭފުޅުންނެއް ނެތޭ. އޭރުވެސް އަޅުގަނޑުމެންނޭ ނުކުމެ ރައީސް ޔާމީނަށްޓަކައި، މަސައްކަތް ކުރީ" އޭނާ ވިދާޅުވިއެވެ.

މުއިއްޒު ނޫން ގޮތެއް ނެތް، ނުވެސް ހޯދާ!

ބައެއް ސެނެޓަރުން އަދިވެސް ގަބޫލުކުރައްވާ ގޮތުގައި ޕީޕީއެމުން ވެސް މުއިއްޒު ނޫން ގޮތެއް ހޯދާކަށް ނޫޅެއެވެ. އިއްޔެ ޕީޕީއެމުން ގަދަބަސް ބުނެ، ނެރުނު ބަޔާނުގައި ވެސް އެ ދައްކަނީ އެ ވާހަކައެއް ނޫނެވެ.

އެ ބޭފުޅުންނަށް ވާގޮތް ވަރަށް ސާފެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެއްވިއްޖެ ނަމަ، ދެން ހުންނެވީ މުއިއްޒުއެވެ. އެހެން ގޮތެއް ހޯދާކަށް އެއްވެސް ބަޔަކު ނޫޅެއެވެ. އޮޅިގެން އުޅެނީ ބައެއް ބޭފުޅުންނަށާއި، މީޑިއާތަކަށެވެ.

ސެނެޓުގެ ހުޅުމާލޭ ސްޓިއަރިން ކޮމިޓީގެ ރައީސް ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި އެނޫން ގޮތަކަށް މީޑިއާތަކުގައި ފެތުރޭ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ.

"މީޑިއާތަކުގައި ދެކެވޭ ވާހަކަތަކުގައި އަސްލެއްނެތް. މިސާލަކަށް އަޅުގަނޑު ބޭނުންވާ ރައުޔެއް ފާޅުކުރުމަކީ އެއީ އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބަދަލުވާނެ ކަމެއް ނޫން" ޝަރީފް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެން މުހައްމަދު މުއިއްޒު -- ފޮޓޯ/ އަވަސް

އެކަން އެބޭފުޅުންނަށް ޔަގީންވާ ސަބަބުތަކެއް އެބަހުއްޓެވެ. ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ އަޑުއެހުން އޮތް ވަގުތު، މުއިއްޒުއާ ބައްދަލުވުމުން ޚުދު އެމަނިކުފާނު މުއިއްޒަށް މަރުހަބާ ދެންނެވިއެވެ. އެބޭފުޅުން ދެކޭގޮތުގައި އެއީ އެކަން ކުރީ ރައީސް ޔާމީންގެ އެންގެވުމަށްކަން ހާމަވާ އިތުރު ކަމެކެވެ.

އަނެއްކޮޅުން އެބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ޔާމީން ނެތް ހާލަތުގައި ދެން ހުރި އެންމެ ގާބިލް ކެންޑިޑޭޓަކީ މުއިއްޒުއެވެ. އޭނާ އަކީ ރައީސް ޔާމީންގެ ތަރައްގީގެ މަޝްރޫއުތައް އެންމެ އިހްލާސްތެރިކަމާއެކު ތަންފީޒުކޮށްދެއްވި ވަޒީރެވެ.

"ރައީސް ޔާމީން ނެތް ހާލަތެއްގައި އަޅުގަނޑުމެންގެ އާންމު މެންބަރުންގެ އެންމެ ބޮޑު ތާއީދެއް އޮތް ބޭފުޅަކީ މޭޔަރު މުއިއްޒު" ހުސައިން ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސެނެޓަރު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން މީގެ ކުރިން ކުރެއްވި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ)ގެ ނަޒަރުގައި ވެސް ޓިކެޓާމެދު އެއްވެސް ދެބަސްވުމެއް ނެތެވެ. ޕީޕީއެމްގެ ލީޑާޝިޕްގެ "ޕްލޭން ބީ" އޭނާ މާނަ ކުރެއްވީ ތަފާތު ގޮތަކަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކެންޑިޑެސީ މައްސަލައިގައި ސުޕްރީމް ކޯޓުގައި، ކެންޑިޑޭޓަކު ނެރުމަށް ރައީސް ޔާމީންގެ ފަރާތުން އިތުރު ވަގުތަށް އެދިވަޑައިގަތީ ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިންމާނެ ވަގުތު ހޯދުމަށެވެ.

"އެ ވަގުތު ދިނުން އެ މާނަކުރެވެނީ، އިތުރަށް ވަގުތު ހޯދައިގެން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން، އެމަނިކުފާނަށް އަދިވެސް ރިޔާސީ އިންތިޚާބުގެ އިންތިޚާބީ ހައްގު ކަށަވަރުކޮށްދޭނެ މަގެއް އޮތްތޯ ބެލުން. ހައިކޯޓުގައި އޮތް މައްސަލައަށް ހައްލެއް ހޯދައިން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުން،" އޭނާ ވިދާޅުވިއެވެ.

ފެންނަނީ އިދިކޮޅު ރޫޅޭތަން

ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވެސް މާނަކުރެވިދާނެއެވެ. ނަމަވެސް މިހާރު އިދިކޮޅުގައި އޮތް ޚިޔާލު ތަފާތުވުމާއި، ކޯޅުން ސާފެވެ. "ޕްލޭން ބީ" އަކީ ޕީޕީއެމްގެ ކެންޑިޑޭޓަކު ކަމަށް ވިދާޅުވާ ބޭފުޅުން ވެސް ދޫދިނުމެއް ނެތެވެ. އަދި އެއީ ޑރ. މުއިއްޒު ކަމަށް ވިދާޅުވާ ބޭފުޅުން ވެސް ދޫދިނުމެއް ނެތެވެ.

މިހެން މިކަން ދެމި އޮންނަން ވެއްޖެނަމަ، ރައީސް ޔާމީންގެ މައްސަލައިގައި މިއަދު އިއްވި ހުކުމާއެކު، އިދިކޮޅުގައި އޮތް ނުތަނަވަސްކަމުގެ ހުޅުގަނޑު ފަޅައިގެންދާނެއެވެ. މިހާތަނަށް ފެންނަ މަންޒަރަކީ ވަގުތު ކުޑަތަން ވެފައިވާ، ޓިކެޓުގެ ކޯޅުމުގައި ކޯޅުން ބޮޑުވެ، ރީއްޗަށް ދެބައިވާތަނެވެ.