06 Aug 2023, 09:43
ސެޕްޓެމްބަރު ނުވައެއްގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ، ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފިއެވެ.
މިއަދު ހެނދުނު އީސީގެ އިންތިޚާބީ މަރުކަޒު ހުންނަ ދަރުބާރުގެއަށް ވަޑައިގެން ފޯމު ހުށަހެޅުއްވީ، ރައީސްގެ އިންތިޚާބީ އޭޖެންޓު އަދި ކެމްޕޭން މެނޭޖަރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ. އޭނާގެ އަރިހުގައި އެމްޑީޕީގެ ބައެއް އިސްވެރިންނާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ މި އަހަރުގެ ޖެނުއަރީގައި ބޭއްވި ޕްރައިމަރީއަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އޭރު އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ނަޝީދާ ވާދަ ކުރެއްވި ޕްރައިމަރީ، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ރައީސެވެ. އެކަމަކު، ޕްރައިމަރީގެ ނަތީޖާއަށް ފަހު ވެސް ނަޝީދު ވަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަން ދެކޮޅު ހައްދަވައިފައެވެ. އެއަށް ފަހުގައި އެ މަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނާ އެކު ޕާޓީން ވެސް ވަކިވެވަޑައިގެންފައެވެ.
ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް ޞާލިޙް، އެ މަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވަނީ ހަމަޖައްސައިފައެވެ.
އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުމެފައިވަނީ މިހާރު ވެސް ސަރުކާރުގައި އޮތް، އަދާލަތު ޕާޓީއާއި އެމްޑީއޭއާ އެކު ކޯލިޝަން ހަދައިގެންނެވެ.
ޖުމުލަ 283،272 މީހުންނަށް ވޯޓު ލެވޭ މި އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި ޖުމްހޫރީ ޕާޓީ އަދި އެމްއެންޕީން ވެސް ވާދަކުރަން ވަނީ ނިންމައިފައެވެ. އެކަމަކު، މާދަމާ މުއްދަތު ހަމަވާއިރު، ކެންޑިޑެސީ ފޯމު މިހާތަނަށް ހުށަހެޅީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް، އެ ފޯމު ބަލައިނުގަންނަން އީސީން ވަނީ ނިންމައިފައެވެ. އެ ނިންމުން ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެ މައްސަލައިގައި މިއަދު ހުކުމް ކުރާނެއެވެ.