ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގައި އޮތް ރަސްމީ ހައިސިއްޔަތަކީ ޕާޓީގެ ޢާންމު މެންބަރެއްގެ ހައިސިއްޔަތު އެކަނި ކަމަށް ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. ޑީޑީ މިހެން ވިދާޅުވީ މާދަމާ ނުކުންނަ ސަން މީޑިއާ ގުރޫޕުގެ ސަން މަޖައްލާގެ 46 ވަނަ އަދަދަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.

ޑީޑީ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރައީސް ނަޝީދެކޭ ޕާޓީގެ އެންމެ އާންމު މެންބަރެކޭ މިހާރު އެއްވެސް ތަފާތެއް ނޯންނާނެ ކަމަށެވެ. އަދި ޕާޓީ އިން އަމަލު ކުރަން ޖެހޭނީ އަސާސީ ގަވައިދަށް ކަމަށެވެ.
"އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އާއްމު މެންބަރެއްގެ ހައިސިއްޔަތު ]ނަޝީދަށް[ އޮތީ. ދެ ވަނަ ހައިސިއްޔަތަކަށް އޮންނާނީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގެންނެވި ޕްރައިމަރީ ކެންޑިޑޭޓެއްގެ ހައިސިއްޔަތު،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހުގެ ހާދިސާތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޑީޑީ ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދު އެ ދުވަހު އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ކެބިނެޓާ ބައްދަލުކުރައްވައި އިސްތިއުފާގެ ވާހަކަ ނަޝީދު ވިދާޅުވި ކަމަށާއި ހަމަ އެ ވަގުތު ވެސް އެއީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ދަންނަވާފައި ވާނޭ ކަމަށް ޑީޑީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމެއް އޭރު އެނގިވަޑައިނުގަންނަވާ ކަމަށާއި މަޖުބޫރީ ހާލަތެއްގެ ވާހަކަ ވިދާޅުވީ މާފަހުން ކަމަށެވެ.

ދާދި ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ޖަލްސައެއްގައި ވޯޓު ނަގައި އިތުބާރު ނެތް ކަމަށް ފާސްކުރި ނަމަވެސް، އެކަން ގަބޫލު ނުކުރައްވާ ކަމަށް ޑީޑީ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާޓީގެ ރަސްމީ ހައިސިއްޔަތު އޮތް ރައީސަކީ އަދި ވެސް އޭނާ ކަމަށެވެ. އަދި ވިދާޅުވީ އަސާސީ ގަވާއިދުގައި ކަނޑައެޅިފަވާ ގޮތުގެ މަތިން ޕާޓީގެ އެންމެހައި ކަންތައްތައް ހަމަ މަގަށް އަޅުވައި ވީހާ ވެސް ސުލްހަވެރި ޑިމޮކްރެޓިކް ރީތި އުސޫލުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެމްޑީޕީގެ ރަސްމީ ހައިސިއްޔަތު އޮތް ރައީސަކީ އަދި ވެސް އަޅުގަނޑު. އެތައްހާސް ބަޔަކު ވޯޓުދީގެން ބޮޑު އަޣުލަބިއްޔަތަކުން އަޅުގަނޑު އިންތިހާބު ކުރިއިރުގައި ގަބޫލުކުރެވޭ ގޮތުގައި ޕާޓީގެ އާއްމު މެންބަރުން އަޅުގަނޑާ ހަވާލުކޮށްފައި އޮތީ އަސާސީ ގަވާއިދު ނަގަހައްޓާ ދެމެހެއްޓުން. އެކަން އަޅުގަނޑު ކުރާނަން،" ޑރ. ޑީޑީ ވިދާޅުވި އެވެ.

ޑީޑީ އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ވެސް އެމްޑީޕީގައި އޮތް ރަސްމީ ހައިސިއްޔަތަކީ ޢާންމު މެންބަރެއްގެ ހައިސިއްޔަތު އެކަނި ކަމަށެވެ. މޫސާ މަނިކަކީ ޕާޓީގެ ވަގުތީ ޗެއާޕާސަން ކަން އެނގޭނެ ރަސްމީ އެއްވެސް ލިޔެކިޔުމެއް ވެސް ޕާޓީގައި ނެތް ކަމަށް ޑީޑީ ވިދާޅުވި އެވެ. އެ ގޮތުން މޫސަ ވަގުތީ ޗެއާޕާސަން ކަމަށް އައްޔަން ކުރުމަށް ބޭއްވި ޖަލްސާގެ ލިޔެކިޔުންތަކުން ވެސް އެކަން ފެންނާން ނެތް ކަމަށް ޑީޑީ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުން ކަމަށް ގަބޫލު ކުރައްވަންތޯ ދެންނެވުމުން ޑީޑީ ވިދާޅުވީ އެހެން ސީދާ ބުނެވޭނެ ޖާގަ އޮންނާނީ މިނިވަން މުސްތަގިއްލު ކޮމިޝަނަކުން އެކަން ތަހުގީގު ކުރުމަށް ފަހުގައި ކަމަށެވެ.