06 Aug 2023, 09:08
ބަތަލާ ކަންގަނާ ރަނާއަތުގެ ކުރިއަ ށްއޮތް ފިލްމު "ޗަންދުރަމުކީ2"ގައި ބަތަލާ ފެންނާނެގޮތް އާއްމުންނަށް ދައްކާލައިފިއެވެ.
މިފިލްމަކީ ތަމަޅަ ބަހުން ގެނެސްދޭ ހެއްވާ މަޖާ ބިރުވެރި ފިލްމެކެވެ. މިފިލްމަކީ މީގެ 18 އަހަރުކުރިން ރިލީޒްކުރި ތަމަޅަ ފިލްމު "ޗަންދުރަމުކީ"ގެ ސީކުއަލްއެކެވެ. ކަންގަނާ މުހިއްމު ރޯލްއިން ފެންނަ މިފިލްމުގައި ބަތަލާއާއެކު ފެންނާނީ ކޮރިއަގްރާފަރު ރާގަވާ ލޯރެންސްއެވެ. ތަމަޅަ ސިނަމާގެ މަޝްހޫރު ކޮރިއަގްރާފަރު ކުޅެނީ ކުރީގެ ފިލްމުގައި އެކްޓަރު ރަޖިނީ ކާންތު ކުޅުނު ރޯލްއެވެ.
މިއަހަރުގެ ސެޕްޓެމްބަރު 19ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ "ޗަންދުރަމުކީ2"ގައި ކަންގަނާ ފެންނާނެގޮތް ދައްކާލާފައިވާއިރު ގިނަބަޔަކުވަނީ ކަންގަނާގެ 'ލުކް'އަށް ތައުރީފުކޮށްފައެވެ. ކަންގަނާގެ މި ޕޯސްޓަރާއެކު ފިލްމުގެ ހުރިހާ ސަމާލުކަމެއް ބަތަލާ ހޯދައިފިކަމަށާއި ކަންގަނާ ވައްތަރީ ކުރީގެ ހަވޭލީތަކުގައި ސިފަކުރާ ޝާހީ ރާނީއެއްގެ ގޮތަށްކަމަށް ބައެއް ފަރާތްތަކުންވަނީ ބުނެފައެވެ.
މިފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އޮސްކާ އެވޯޑް އިންޑިއާއަށް ހޯދައިދިން ކާމިޔާބު މިއުޒީޝަން އެމްއެމް ކީރާވަނީއެވެ. ތަމަޅަ ބަހުގެ އިތުރުން ހިންދީ، ތެލުގޫ، މަލަޔާލަމް އަދި ކަންނާޑާ ބަހުން ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާއިރު ފިލްމު ރިލީޒްވުމުގެ މާކުރިން މިފިލްމުގެ ކޮޕީރައިޓްސްވަނީ ނެޓްފްލިކްސްއަށް ވިއްކާލާފައެވެ.
ކަންގަނާގެ ކުރިޔަށްހުރި ފިލްމުތަކަށް ބަލާއިރު މަސައްކަތް ނިމިފައިވާ ފިލްމު "ތޭޖަސް" އަދި މިއަހަރުގެ ނޮވެމްބަރު ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "އިމަޖެންސީ" ހިމެނެއެވެ. ފިލްމު "އިމަޖެންސީ"އަކީ ކަންގަނާ ލީޑް ރޯލް ކުޅޭ އަދި ބަތަލާ އަމިއްލައަށް ޑައިރެކްޓްކޮށް ޕްރޮޑިއުސްކުރާ ފިލްމެއްވެސްމެއެވެ. ކަންގަނާ ޕްރޮޑިއުސްކުރި ފިލްމު "ޓީކޫ ވެޑްސް ޝޭރޫ" ދާދިފަހުންވަނީ އެމޭޒަން ޕްރައިމްގައި ޕްރމިއާކޮށްފައެވެ. ބަތަލާ އެންމެފަހުން ސްކްރީނުން ފެނިފައިވަނީ މިދިޔައަހަރު ރިލީޒްކުރި ފިލްމު "ދާކަދު"އިންނެވެ.