ބަތަލާ ސުޝްމިތާ ސެންއަށް އާއްމުންގެ ގިނަ ބަޔަކު 'ގޯލްޑް ޑިގާ'ގެ ނަމުން ނަންދީ, އޭނާއަށް ފާޑުކިޔުމުން އެކަމަށް އަނެއްކާވެސް ރައްދު ދީފިއެވެ.

ސުޝްމިތާގެ ކުރިޔަށްއޮތް ވެބް ސީރީސް "ތާލީ"އާ ބެހޭގޮތުން ދިން އިންޓަވިއުއެއްގައި ބަތަލާ ބުނީ ޒާތީ ދިރިއުޅުމުގައި ހިނގާ ކަންކަމަކީ އެއްވެސް ބަޔަކާ ބެހޭ ކަމެއް ނޫންކަމަށެވެ.

ސުޝްމިތާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ އިންޑިއާގެ ވިޔަފާރިވެރިޔާ ލަލިތު މޯދީއާއެކު ބަތަލާ ނަގާފައިވާ ފޮޓޯތަކެއް މިދިޔަ އަހަރުތެރޭ އާއްމުވުމާ ގުޅިގެންނެވެ. ލަލިތު މޯދީ އަމިއްލަ އިންސްޓަގްރާމްގައި އޭރު ސުޝްމިތާ ސިފަކޮށްފައިވަނީ ހަޔާތުގެ ބައިވެރިޔާގެގޮތުގައެވެ.

ލަލިތު މޯދީގެ މި ޕޯސްޓުތަކަށް ހަފުތާއެއް ނުވަނީސް ސުޝްމިތާވަނީ ކުރީގެ ޒުވާން ލޯބިވެރިޔާ ރޯހްމަންއާއެކު ފެނިފައެވެ. އާއްމުންގެ ގިނަ ބައެއްގެ ފާޑުކިޔުންތައް އޭރުވެސް ބަތަލާއަށް އަމާޒުވިއިރު ސުޝްމިތާވަނީ އެފާޑުކިޔުންތަކަށް ރައްދު ދީފައެވެ.

ވެބް ސީރީސް "ތާލީ"އާ ބެހޭގޮތުން ދިން އިންޓަވިއުގައި ސުޝްމިތާ ބުނީ ޒާތީ ގޮތުން އާއްމުންގެ ފަރާތުން އަމާޒުވާ ފާޑުކިޔުންތަކަކީ އޭގައި އެއްވެސް ބުރަދަނެއްހުރި ފާޑުކިޔުންތައް ނޫންކަމަށާއި އެހެންވެ އޭގެ އަސަރު މިހާތަނަށް ދިރިއުޅުމަށް ކޮށްފައިނުވާކަމަށެވެ.

ކުރީގެ މިސް ޔުނިވާސް ބުނެފައިވަނީ 'ގޯލްޑް ޑިގާ'ގެ ހަގީގީ މާނަ އާއްމުންގެ ގިނަބަޔަކަށް އޮޅިފައިވާކަމަށާއި ފާޑުކިޔުންތަކާއެކު ގިނަ ބަޔަކަށް އެބަހުގެ ހަގީގީ މާނަ ބުނެދެވިއްޖެކަމަށް އުއްމީދުކުރާކަމަށެވެ. އަދި ރަނުގެ ބަދަލުގައި ސުޝްމިތާ ލޯބިކުރަނީ ޖަވާހިރަށް ކަމަށާއި މިހާރުވެސް ޖަވާހިރު ގަންނަނީ އަމިއްލައަށްކަމަށް ބަތަލާވަނީ ބުނެފައެވެ.

ސުޝްމިތާ އާއި ރޯހްމަންގެ ގުޅުމަށް ނިމުން އައި ނަމަވެސް ރޯހްމަންއާއެކު ސުޝްމިތާ ތަފާތު އެކި އިވެންޓުތަކުންވަނީ ފެނިފައެވެ. ރޯހްމަންއަކީ މިހާތަނަށް ސުޝްމިތާ ލޯބީގެގޮތުން ގުޅުނު ފަރާތްތަކުގެތެރެއިން ބަތަލާގެ ދެ ކުދިންނާވެސް އެންމެ ގާތް ގުޅުމެއް އޮންނަ ހަމައެކަނި ފަރާތްވެސްމެއެވެ. ސުޝްމިތާގެ ވެބް ސީރީސް "ތާލީ" ސްޓްރީމްކުރަން ނިންމާފައިވަނީ މިމަހުގެ 15ގައި ޖިއޯ ސިނަމާއިންނެވެ.