06 Aug 2023, 08:59
ދާދިފަހުން ސައުތު ސިނަމާގެ ބަތަލާ ސަމަންތާއަށް ދިމާވި މަޔޯސިޓިސް ނަމަކަށްކިޔާ ބައްޔަށް ފަރުވާ ހޯދުމަށް އެއްވެސް އެކްޓަރެއްގެ އަތުން ފައިސާ ހޯދާފައިނުވާނެކަމަށް ބަތަލާ ބުނެފިއެވެ.
އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ސަމަންތާވަނީ ބައެއް ފަރާތްތަކުން ބަތަލާ ތެލުގޫ ސިނަމާއަށް ނިސްބަތްވާ އެކްޓަރެއްގެ އަތުން ފައިސާގެ އެހީ ހޯދިކަމަށް ތުހުމަތުކުރުމުން އެކަން ދޮގުކޮށްފައެވެ.
ސަމަންތާއަށް މަޔޯސިޓިސް ބަލީގެ ޢަލާމާތްތައް ފެނުމުން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ފިލްމު ކުޅުމުގެ މަސައްކަތްތަކުންވަނީ ދުރުހެލިވެފައެވެ. ނަމަވެސް ސަމަންތާ ބަލިން ރަނގަޅުވެއްޖެނަމަ ހަ މަސް ދުވަހުގެތެރޭ އެނބުރި ފިލްމީ މަސައްކަތްތަކާއެކު ކުރިޔަށްދާނެކަމަށް ބަތަލާގެ ޓީމުންވަނީ ބުނެފައެވެ.
ދާދިފަހުން އިންޓަނެޓުގައި ދައުރުވާން ފެށި ޚަބަރުގައި ތެލުގޫ އެކްޓަރެއްގެ އަތުން 25 ކްރޯޑު ރުޕީސް ސަމަންތާ ހޯދާފައިވާކަމަށްވަނީ ބުނެފައެވެ. އަމިއްލަ އިންސްޓަގްރާމް ޕޯސްޓުގައި ސަމަންތާ މިޚަބަރުތަކަށް ރައްދު ދެމުން ބުނެފައިވަނީ 25 ކްރޯޑު ރުޕީސްއަކީ ކުރިމަތިވެފައިވާ ބައްޔަށް ހޭދަކުރަން ވަރަށް ބޮޑު އަދަދެއްކަމަށާއި، މިހާތަނަށް ސަމަންތާ އަތުން ހޭދަވެފައިވަނީ އެ ޢަދަދުގެ ކުޑަ މިންވަރެއްކަމަށެވެ.
މިހާތަނަށް ކެރިއަރުގައި ކުރެވުނު ބުރަ މަސައްކަތުން އަމިއްލަ ނަފުސު ބެލެހެއްޓޭނެ މިންވަރަށް ފައިސާ ހޯދިފައިވާކަމަށާއި އިތުރު ފަރާތެއްގެ އެހީ އަދި ބޭނުންނުވާކަމަށް ބަތަލާވަނީ ބުނެފައެވެ. ހަމައެއާއެކު މަޔޯސިޓިސްއަކީ އާއްމުން ސިފަކުރާފަދަ ނުރައްކާތެރި ބައްޔެއް ނޫންކަމަށާއި ދުނިޔޭގެ ގިނަ ބަޔަކު މިބަލި ތަހައްމަލުކުރާކަމަށް ބުނެ ޚަބަރު ފަތުރާއިރު ރަނގަޅު މައުލޫމާތު އެއްކޮށްގެން ޚަބަރު ފެތުރުމަށް ސަމަންތާވަނީ ގޮވާލާފައެވެ.
ސަމަންތާ ފިލްމީ މަސައްކަތްތަކުން ދުރުވެފައިވަނީ އެކްޓަރު ވަރުން ދަވަންއާއެކު ކުޅޭ އެމޭޒަން ޕްރައިމްގެ ވެބް ސީރީސް "ސިޓަޑެލް:އިންޑިއާ"ގެ ޝޫޓިންގް މެދުތެރެއިންނެވެ. ސަމަންތާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރިޔަށްއޮތް ސެޕްޓެމްބަރު މަހު 01ގައި ރިލީޒްކުރާ ފިލްމު "ޚުޝީ"އިންނެވެ. ސަމަންތާއާއެކު ފިލްމުގައި ލީޑް ރޯލްއިން ފެންނާނީ ތަމަޅަ އެކްޓަރު ވިޖޭ ދެވެރަކޮންދާއެވެ.