އައްޑޫ ސިޓީ ކައުންސިލް އިދާރާ އަށް ގިނަ އަދަދެއްގެ އައިޕެޑް ތުރީ ގަންނަން އިއުލާންކޮށްފި އެވެ.

މި ދިޔަމަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ ކައުންސިލުން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނަނީ އެ ކައުންސިލަށް ހޯދަން ބޭނުން ވަނީ ކަޅު ކުލައިގެ އަށް އައިޕެޑް ކަމަށެވެ. އެއީ ވައިފައި 4-ޖީ ފަންގްޝަން ހިމެނޭ 64 ޖީބީގެ އައިޕެޑް ތްރީ އަށް ވާން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

އަދި ބުނެފައި ވަނީ އައިޕެޑްގެ ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދިނުމުގައި 50 ޕަސެންޓް ހިއްސާކުރާނީ ހުށަހަޅާފައިވާ އަގަށް ކަމަށެވެ. އަދި ބުނަނީ 30 ޕަސެންޓް ޑެލިވަރީ މުއްދަތަށް ހިއްސާ ކުރާއިރު ވޮރަންޓީ އަށް 20 ޕަސެންޓް ހިއްސާ ކުރާނެ ކަމަށެވެ.

އާންމުކޮށް ރާއްޖޭގެ ބާޒާރުގައި ފަހުގެ އައިޕެޑް ހުރީ 12500ރ. ރޭންޖެއްގަ އެވެ. އެހެން ކަމަށްވާ ނަމަ އަށް އައިޕެޑަށް ގާތްގަނޑަކަށް 100،000ރ. އަރާނެ ކަމަށްބެލެވެ އެވެ.

ދައުލަތުގެ ހަރަދުތައް ބޮޑުވެ ބަޖެޓުން ބޮޑުތަނުން ޑެފިސިޓްވާ އިރު ދާދިފަހުން ފިނޭންސް މިނިސްޓްރީން ވެސް ވަނީ މިނިސްޓަރުންނަށް ފޯނާއި ލެޕްޓޮޕް އަދި ޓެބްލެޓް ޕީސީ ގަތުމުގެ ހުއްދަ ދޫކޮށްފަ އެވެ.