ދިވެހިންނަކީ އެކި ކަންކަމުގައި ތަފާތު އެކި އާދަތައް ގެންގުޅުނު އަދި ގެންގުޅެމުން އަންނަ ބައެކެވެ. ބައެއް އާދަތަކަކީ މިހާރު ނެތިފައިވާ އާދަތަކެވެ. މާ ގިނަ ދުވަހެއް ނުވި ނަމަވެސް ބަދަލު ވެފައިވާ އާދަތައް ވެސް އެބަހުއްޓެވެ. އެއިން އެއް ކަމަކީ އަރަން ބޫޓެއް ހޯދާއިރު ސައިޒު ބަލަން ގެންގުޅޭ އާދައެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިއަށް ވިސްނާލި ނަމަވެސް މިއީ ވަރަށް ގިނަ ބަޔަކަށް އެނގޭނެ ކަމެކެވެ. ފައިވާނެއް ނުވަތަ ބޫޓެއް ހޯދުމަށް ހެޔޮވަރު ކުރުމަށް ގެންގުޅޭނީ ވަރަށް ތަފާތު އާދައެކެވެ. އެއީ އިލޮއްޓަކުން ފައިގެ ސައިޒު ބަލާފައި އެއަށް ބަލައިގެން ހެޔޮވަރު ބޫޓާއި ފައިވާން ހޯދުމެވެ.

"އެންމެ ބޮޑަށް ހަނދާން ވަނީ ކުޑައިރު މަންމަ ބޫޓު ގަންނަން އުޅޭއިރު ހަދާ ގޮތް. ސްކޫލަށް ތަނަކަށް އެއްޗެއް ގަންނަން ވެއްޖެޔާ ދާނީ އާންމުކޮށް ކުޅުދުއްފުށްޓަށް އޭރު. މަންމަ އެކަނި ދާ އިރު ފައިގެ ސައިޒު ނަގައިގެން ދާނީ،" ހދ. އަތޮޅު ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނަކު ކިޔައިދިނެވެ.

އޭނާ ކިޔައިދިން ގޮތުގައި ބޫޓު ގަންނަން ދާނީ ފައި ތިލައިގެ ސައިޒު އެނގޭ ގޮތަށް އޮންނަ އިލޮއްޓެއް ހިފައިންނެވެ. އަދި އެ އިލޮށި ހިފައިގެން ގޮސް ބޫޓު ތެރެއަށް އިލޮށި ލައިގެން ފިޓުވާ ސައިޒަކީ އެންމެ ހެޔޮވަރުވާ ސައިޒު ކަމުގައި ކަނޑައަޅާނެއެވެ.

މިއީ ވަރަށް ވެސް ކާމިޔާބު ގޮތެކެވެ. ހަމަ ކޮންމެ ފަހަރަކު ހެން ގެއަށް ގެންނަ ބޫޓު ހުންނަނީ އެންމެ ބޭނުންވާ ސައިޒަށް ހެޔޮވަރު ކޮށެވެ.

"ކުރީގައި އިލޮށި ގެންގުޅުނު ހަނދާން ވޭ. މިހާރު އެހެނެއް ނޫން ކަންނޭނގެ ކަަންތައް ކުރަނީ. ގިނަ ފަހަރަށް މިހާރު ހަދާ ގޮތަކީ ގެއިން މިނައިގެން ދަނީ. ދެން އެ ފޯނުގައި ނޯޓު ކޮށްގެން ގޮސް ސައިޒު ހޯދަނީ،" އިތުރު ޒުވާނެއް ކަމަށްވާ އައިޝާ ހުސައިން ބުންޏެވެ.

މިހާރު ފައިތިލައިގެ މިން ބަލަން ގެންގުޅޭ ގޮތް ރަނގަޅަށް ނޭނގޭ ކަމަށް އޭނާ ވެސް ގަބޫލު ކުރިއެވެ. ގިނަ ފަހަރަށް އެގޮތަށް މިން ބަލަން ނުޖެހޭ ކަމަށް ފާހަގަކުރަމުން އައިޝާ ބުނީ ބޫޓު، ފައިވާން ގަންނަ ނަމަ އެ ބޭނުންވާ އެންމެން ފިހާރަށް އެކުގައި ގޮސް ބޫޓު ހެޔޮވަރު ކުރަނީ ކަމަށެވެ. އެހެންވީމާ މިހާރު އިލޮށި ބޭނުން ނުކުރާ ކަމަށް އޭނާއަށް ބެލެވެއެވެ.

ނަމަވެސް މިއީ އެއް ދުުވަސްކޮޅެއްގައި ވަރަށް މަގުބޫލުވި ކަމެކެވެ. އެންމެންވެސް ސައިޒު ހެޔޮވަރު ކުރަނީ އެގޮތަށެވެ. ނަމަވެސް މިހާރު އެ އާދައެއް ނެތެވެ. ކުޑައިރު އިލޮށިން ފައިތިލައިގެ މިން ނެގި ހަނދާން ވޭ ހެއްޔެވެ؟ އެހެން ނޫން ނަމަ ބޫޓު އެއްޗެހި ހެޔޮވަރު ކުރީ ކޮން ގޮތަކަށް ހެއްޔެވެ؟