05 Aug 2023, 20:31
އާރްބީ ލައިޕްޒިގްގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް، މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފައިވާކަން އެ ކްލަބުން އިއުލާންކޮށްފިއެވެ.
ސިޓީން ގުވާޑިއޯލް އިއުލާންކޮށްފައިވާ އިރު، އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް އިއްޔެ ވަނީ ގުވާޑިއޯލްގެ ޓްރާންސްފާ ފުރިހަމަވެފައިވާ ކަމަށް ބުނެފައެވެ. އުމުރުން 21 އަހަރުގެ ގުވާޑިއޯލް ސިޓީއާ ގުޅުނީ 77 މިލިއަން ޕައުންޑް (98 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ.
ގުވާޑިއޯލް އަކީ ސިޓީން ކުރިއަށްއޮތް ސީޒަނަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކްލަބުން ގެނެސްފައިވަނީ ޗެލްސީއަށް ކުޅެމުންދިޔަ ކްރޮއޭޝިއާ މިޑްފީލްޑަރު މަޓިއޯ ކޮވަސިޗްއެވެ. ކުރިއަށްއޮތް ސީޒަނުގައި ސިޓީގެ ޑިފެންސް ލައިނުން ފެނިގެންދާނީ ގުވާޑިއޯލްގެ އިތުރުން ޖޯން ސްޓޯންސް، ރުބެން ޑިއާސް، މެނުއެލް އަކާންޖީ، ނޭތަން އަކޭ އަދި އައިމެރިކް ލަޕޯޓްއެވެ.
ސިޓީއާ ގުޅުމަށްފަހު އެ ކްލަބުގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގުވާޑިއޯލް ބުނީ އިނގިރޭސިވިލާތުގައި ކުޅުމަކީ އޭނާގެ ހުވަފެނެއް ކަމަށާއި ސިޓީން ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ.
"މިދިޔަ ސީޒަނުގައި ސިޓީން ދެއްކި ކުޅުން ބެލި މީހަކު ނަމަ، އެ ޓީމަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް ބުނާނެ. މިދިޔަ ސީޒަނުގައި ތިން ތަށި ހޯދައި، ސިޓީން އެ ވަނީ ޓީމުގެ ފެންވަރު ދައްކާލާފައި. ސިޓީއާ ގުޅުމަކީ އަހަރެންނާއި އަހަރެންގެ އާއިލާއަށް ވެސް ވަރަށް ހާއްސަ ކަމެއް،" އޭނާ ބުންޏެވެ.
މިދިޔަ ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސީޓީން ކުރިއަށްއޮތް ސީޒަންގެ ފުރަތަމަ މެޗުގައި ނުކުންނާނީ ކޮމިއުނިޓީ ޝީލްޑްއަށެވެ. އާސެނަލާ ދެކޮޅަށް ކުޅޭ އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މާދަމާ ރޭ 8:00 ގައެވެ.