05 Aug 2023, 20:42
ފާއިތުވި ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 18.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ވީކްލީ ރިޕޯޓުން ދައްކާގޮތުން ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 18 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައި ވާއިރު 25.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ދައުލަތަށް މިހާތަނަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.9 ބިލިއަން ރުފިޔާއެވެ.
ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު 18.8 ބިލިއަން ރުފިޔާގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.2 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4.4 ރުފިޔާ ލިބިފައި ވާއިރު، އެހީގެ ގޮތުގައި ލިބިފައި ވަނީ 251 މިލިއަން ރުފިޔާއެވެ.
މީގެއިތުރުން، މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ހިނގާފައިވާ ގޮތުގެ ތަފުސީލަށް ބަލާއިރު، ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާފައިވާ 25.6 ބިލިއަން ރުފިޔާގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 17.6 ބިލިއަން ހޭދަކޮށްފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 6.7 ބިލިއަން ރުފިޔާއާއި، އިދާރީ ހިންގުމަށް ހޭދަކޮށްފައިވާ 10.7 ބިލިއަން ރުފިޔާއެވެ.
އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 7.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.