06 May 2012, 14:05
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެމްޓީސީސީ އަށް މި އަހަރުގެ ތިން މަހުގެ ސާފު ފައިދާގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓާ ރިޕޯޓުން ދައްކައިފި އެވެ.
އެ ކުންފުނިން މިއަދު އާންމު ކުރި އެ ރިޕޯޓްގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށް އެ ކުންފުނިން 99 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި ޖެހުނީ 19.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދަށް ކަނޑާ އެ ކުންފުންޏަށް ވިޔަފާރީގެ ފައިދާގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބުނެނެވެ. އަދި ފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދުކަނޑައި ސާފު ފައިދާ އަށް ޖެހުނީ 2.3 މިލިއަން ރުފިޔާ އެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރު ފަހު ތިން މަހު ވެސް ވަނީ 9.7 މިލިއަން ރުފިޔާ ފައިދާވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އަށް މަސް ދުވަހު އެ ކުންފުންޏަށް ގެއްލުމާ ކުރިމަތިވި އެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސް ނިމުނު އިރު އެ ކުންފުނީގެ ދަރަނި ހުރީ 316.10 މިލިއަން ރުފިޔާގަ އެވެ. އަދި އެ ކުންފުނީގެ ރިޒާވްގައި ހުރީ 296 މިލިއަން ރުފިޔާ އެވެ. މި ކުއާޓާ ނިމުނުއިރު އެ ކުންފުނީގެ ހިއްސާގެ މުއާމަލާތެއް ކުރެވިފައެއް ނުވެ އެވެ.
އެމްޓީސީސީގައި ސަރުކާރުގެ 47.8 ޕަސެންޓް ހިއްސާވާއިރު އާންމު ރައްޔިތުންގެ 44.7 ޕަސެންޓްގެ ހިއްސާ އެ ކުންފުނީގައި އޮވެ އެވެ. މި ކުއާޓާ ނިމުނު އިރު އެ ކުންފުންޏަށް 17 ޕްރޮޖެކްޓެއް ލިބުނެވެ. އޭގެ ތެރެއިން އެއް ޕްރޮޖެކްޓް ނިމިފައިވާ އިރު މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 12 ޕްރޮޖެކްޓެއްގަ އެވެ.